ހަގީގަތެއް ނޫން ކަމަށް ބުނެ ފުވައްމުލަކުގައި އަދިވެސް ނުސާފު ފެން ލިބޭ މައްސަލަ ބޭރު

ފުވައްމުލަކަށް މިހާރު ދޫކުރަމުންދާ ފެނަކީ ރައްކާތެރި، އަދި ސާފު ފެން ކަމަށް އެމްއެފްޑީއޭއިން ބުންޏަސް، ބައެއް ގޭގެއަށް އަދިވެސް ކިލާ ފެން ލިބެމުންދާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ

މަޖިލީހުގެ ޖަލްސާއެއް. --ފޮޓޯ: މަޖިލީހުގެ އިދާރާ

ފުވައްމުލަކު ސިޓީގައި އަދިވެސް ސާފު ނޫން ސަޕްލައި ފެން ލިބޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދީ، ބޭރުކޮށްލައިފި އެވެ. 

ފުވައްމުލަކަށް އަދިވެސް ސާފު ފެން ނުލިބޭ ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް އެވެ.

އެ މައްސަލައަށް ފުރުސަތު ދެއްވަން ދެކޮޅު ހައްދަވައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުއްލި މައްސަލަތަކަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ.

މިގޮތުން، ފުވައްމުލަކަށް ދޫކުރާ ފެނަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހުކުރު ދުވަހު ބުނެފައިވާތީ، މި މައްސަލާގައި ބުނާ ހާލަތަކީ ހަގީގަތެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފުވައްމުލަކަށް މިހާރު ދޫކުރަމުންދާ ފެނަކީ ރައްކާތެރި، އަދި ސާފު ފެން ކަމަށް އެމްއެފްޑީއޭއިން ބުންޏަސް، ބައެއް ގޭގެއަށް އަދިވެސް ކިލާ ފެން ލިބެމުންދާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ. 

މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުވައްމުލަކުން ސަޕްލައި ފެން ކަނޑައިލުމަށް، އަލުން ފެން ދޫކުރަން ފަށާފައިވަނީ އޭގެ ތިން ދުވަސް ފަހުންނެވެ. ފެން ކަނޑާލާފައި ވަނީ ބޭނުން ކުރެވޭ ވަރަށްވުރެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ފެން ބޭނުން ކުރަން ރައްކާތެރި ނޫން ވީމަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.