މީރާގެ ސީޖީ ހަސަން ޒަރީރު ވިދާޅުވި ގޮތުގައި މިދިޔަ 15 އަހަރުތެރޭ މީރާގެ އޮފީހާއި މީރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް އައިސްފައެއް ނެތެވެ. މިއީ ކަންބޮޑުވުމެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ 85 ބަލައިފގަންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮފީހެއް ނެތުމާއި މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ނެތުމުން ޝަކުވާ އޮއްސާލައިފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ޖެނެރަލް ހަސަން ޒަރީރު ވިދާޅުވީ އެންމެ ބޮޑު އެއް މައްސަލައަކީ މުވައްޒަފުން ހިފެހެއްޓުން ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ޕްރައިވެޓް ސެކްޓަރަށް ހިދުމަތް ދޭން އިތުރު ވަގުތު މަސައްކަތް ކުރަން. އަދި މުވައްޒަފުންނަށް ގިނަ ރެސްޓްރިކްޝަންތަކެއް ހުންނާނެ. މީރާގައި ކުރާ މަސައްކަތް ނޫން އިތުރު މަސައްކަތެއް ނުކުރެވޭނެ. އެކަން ފްލޯވެސް ކުރަން. އިތުރު މަަސައްކަތް ކުރާނަމަ އިންޓަގްރިޓީ މައްސަލައެއް ކަމަށް ބަލާފަ ވަކިވެސް ކުރަން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިރާގެ މުވައްޒަފުންނަކީ ބަރާބަރަށް ތަމްރީން ކުރަން ޖެހޭ ކަމަށާ ސަބަބަކީ މީރާގެ މުވައްޒަފުން ޑީލް ކުރަން ޖެހެނީ މަލްޓިނޭޝަނަލް ކުންފުނި ތަކާ ކަމަށްވުމެވެ.
"ހަމައެކަނި ޓޫރިޒަމް ސެކްޓާގައި ވެސް 118 މަލްޓިނޭޝަނަލް ކުންފުނި އެބަހުރި. ޓެކްސް ކަންކަމުގައި މި ޖެހެނީ އިންޓަނޭޝަނަލް އެކްސްޕާޓްސްއާ. މީގެ ކުރިން މީރާގެ މުވައްޒަފުންގެ ޓާންއޯވަ މި އުޅެނީ 17 ޕަސެންޓުގަ. މިހާރު އެބަހުރި 21 ޕަސެންޓަށް އަރާފަ، މީރާއަށް ފުރަތަމަ ފަސް އަހަރުތެރޭ މުވައްޒަފުންގެ މައްސަލައެއް ނެތް. ސަބަބަކީ ފަށަނީގަތީ އެހެން މުވައްސަސާތަކާ ތަފާތުކޮށް ޕޭ ސްކޭލްއެއްގައި ފެށުން. ނަމަވެސް މިދިޔަ 15 އަހަރުތެރޭ މާބޮޑު ބަދަލެއް އައިސްފައި ނުވާތީ މާބޮޑު އެޓްރެކްޓިވްތަކަށް ނުވޭ މަސައްކަތް ކުރާކަން،" ޒަރީރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މީރާގެ އޮނިގަނޑުގައި 370 މަގާމު ހުރިއިރު، މީގެތެރޭން 337 މަގާމު އެޕްރޫވްކުރެވިފައިވި ނަމަވެސް ތިބީ 290 މުވައްޒަފުންނެވެ.
"43 މުވައްޒަފުން މަދުކޮށް މަސައްކަތް ކުރަނީ އިއުލާނު ކުރިނަމަވެސް މާބޮޑު އިޖާބަތަކެއް ނުލިބޭ. އެހެންވީމަ ސްޓާފުން ހޯދިފަ ނެތީ. މި ކޮންސާންސްތައް މަޖިލީހަށް ލިޔެފަވެސް އޮންނާނެ،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 150 އެއްހާ މުވައްޒަފުން ކުއްޔަށް ހިފާފައިވާ ތަންތަނުގައި މަސައްކަތް ކުރާއިރު މަސައްކަތު މާހައުލުގެ ފެންވަރު ދަށް ކަމަށާ، ބައެއް ތަންތަނުގައި 50 މުވައްޒަފުންނަށް އެއް ފާހާނާ ބޭނުންކުރާ ތަންތަން އެބަހުރި ކަމަށެވެ.
"މިއީ މަސައްކަތުގެ އެންވަަޔަރުމަންޓް ގޯސް. އެހެން މުވައްސަސާތަކާ ބަލާއިރު ދަށް. މީރާގެ 40 މުވައްޒަފުން ކުރި މަސައްކަތް ކުރި ތަނަކުން. މިހާރު އެތަނުގައި ތިބެނީ 10 މުވައްޒަފުން،" ޒަރީރު ވިދާޅުވި އެވެ.
ސީޖީ ވިދާޅުވީ މިހާރުގެ ހާލަތު މިގޮތަށް ދާނަމަ މީރާގެ މިހާރުގެ ޕާފޯމަންސްގައި މަސައްކަތް ކުރަން ދަތިވާނެ ކަމަށެވެ.