މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު އިސްލާހުވެގެން ނުކުންނައިރު ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފައި ފާސްކުރާނީ

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރާނެކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.
މިގޮތުން، ދުންފަތު އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަކީ އެ ލިސްޓުގެ އެންމެ ކުރިއަށްލައިގެން ފެއްޓެވި މަސައްކަތުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވެން އޮތީ އެ ކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވިގެން ކަމަށާއި، އެގޮތުން އޭގެ ވިޔަފާރިކުރާ މީހުން ހުއްޓުވައިގެން ނޫނީ އެ މައްސަލަ ހައްލުނުވާނޭ ކަމަށެވެ.
މިގޮތުން، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރުކުރާ ފަރާތްތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނުގައި 100 އެއްހާ މީހުން ހައްޔަރުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާއަށް އަންނަ އަހަރުން ފެށިގެން ވަކި ބަޖެޓެއް ކަނޑައަޅައި، މާލީ މިނިވަންކަން ޔަގީންކޮށްދިނީ، ފުރިހަމަ މާނައިގައި އިންސާފު ގާއިމުކުރަން މަގުފަހިކުރުމަށް ކަމަށާއި، ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ކުދިކުދި އިޖުރާއީ މައްސަލަތަކުގައި މިނިވަންވެގެން ދިޔުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ.
އެހެންކަމުން، އެއްވެސް ނުފޫޒެއްގައި ނުޖެހި ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކޮށްފިނަމަ ސަރުކާރުން ކުރާ މަސައްކަތްތަކުން ރާއްޖޭން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެންމެންގެ އިހުލާސްތެރި ވިސްނުން ހުންނަޖެހޭ. މަޖިލީހަށް އަޅުގަނޑުމެން ފޮނުވާފައިވާ، މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު އިސްލާހުވެގެން ނުކުންނައިރު ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފައި ފާސްކުރާނީ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އަދަބު ދިނުން އެކަނި ނޫން ކަމަށާއި، ބޭނުންވާ ފަރުވާދީ، މުޖުތަމައުއަށް އަނބުރާ ނެރުމަށް ވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.