މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމަތާކާ ގުޅިގެން ގއ. އާއި ގދ. ގައި ހިންގި އޮޕަރޭޝަނެއްގައި 16 މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމަތާކާ ގުޅިގެން ގއ. އާއި ގދ. ގައި ހިންގި އޮޕަރޭޝަނެއްގައި 16 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ރާއްޖެ އަށް ޑްރަގު އެތެރެކުރަން އުޅުނު ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ދެކުނުގެ ޕޮލިސް ގުޅިގެން މި މަހުގެ ދެއަކުން އިއްޔެގެ ނިޔަލަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި 16 މީހުންގެ ތެރޭގައި، ގއ. މާމެންދޫން ހައްޔަރުކުރި ހަތް ފިރިހެނަކާއި އަންހެނަކާއި ގދ. ވާދޫން ހައްޔަރުކުރި ފަސް ފިރިހެނަކާއި މާލެ އިން ހައްޔަރުކުރި ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި މިހާތަނަށް 18 ގެއަކައި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށެއްގެ އިތުރުން ދެ ހުސް ބިން ބަލައިފާސްކޮށްފައިވެ އެވެ. އަދި ދެ ކާރާއި ފަސް ސައިކަލު ވެސް ބަލައިފާސްކޮށްފައިވާ ކަމަށާއި މިހާތަނަށް 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން މީހެއްގެ ބަންދަށް 30 ދުވަސް އަދި ހަ މީހެއްގެ ބަންދަށް 15 ދުވަސް ދީފައި ވެ އެވެ. އަދި އެކެއްގެ ބަންދަށް 18 ދުވަސް އަދި އިތުރު އެހެން މީހެއްގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުވަދު އަތޮޅުގައި މި އޮޕަރޭޝަން ހިންގާފައިވަނީ، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ޑްރަގު ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް މުޅި ރާއްޖޭގައި އިއްޔެ ފަތިހުން ފެށިގެން ބޮޑު އޮޕަރޭޝަނެއް ހިންގައި، 100 އެއްހާ މީހުން ހައްޔަރުކޮށްފައިވަނިކޮށެވެ.