ފިނޭންސުގެ ނައިބު ސާޢިދު ވިގޮތުގއި ދައުލަތުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރުމަށް ރާވާފައިވަނީ، ދައުލަތުގެ އާމްދަނީއަށްވުރެ ރިކަރަންޓް ހަރަދު ބޮޑު ނުވާނެ ގޮތެއްގެ މަތީން ފިސްކަލް ދެމެހެއްޓެނިވިކަމަށް އިސްކަން ދިނުމެވެ.

ސަރުކާރުން މިމަހުން ފެށިގެން މުސާރައިގެ އޮނިގަނޑު އެއްހަމަކުރުމުގެ ސިޔާސަތެއް ތަންފީޛުކުރަން ނިންމާފައިވަނީ، މާލީ ދެމެހެއްޓެނިވިކަން ހިފެހެއްޓޭނޭގޮތެއްގެ މަތިން ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އެއްހަމައަކަށް ގެނައުމަށް ކަމަށް މާލީ ވުޒާރާ އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާ ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރުމަށް ރާވާފައިވަނީ، ދައުލަތުގެ އާމްދަނީއަށްވުރެ ރިކަރަންޓް ޚަރަދު ބޮޑު ނުވާނެ ގޮތެއްގެ މަތީން ފިސްކަލް ދެމެހެއްޓެނިވިކަމަށް އިސްކަންދީގެންނެވެ.
ސާޢިދު ފާހަގަކުރެއްވި ގޮތުގައި 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކާއި އަދި ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް 14.8 ބިލިއަން ރުފިޔާ ހިމެނިފައިވާއިރު، ޕެންޝަނުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވެ އެވެ. މިއާއެކު ދައުލަތުގެ ބަޖެޓުގައި މުވައްޒަފުންގެ ހަރަދަށް 17.1 ބިލިއަން ހިމަނާފައިވެ އެވެ. އަދި މިއީ މުޅި ޖުމުލަ ބަޖެޓުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ އިތުރު މިންވަރެކެވެ.
"މި ސަރުކާރު ފެށިގެން އައިއިރު ޕޭ ހާމައިޒްވެފައިވާ ސެކްޓަރުތަކަކީ ތަޢުލީމީ އަދި ސިއްޙީ ދައިރާގެ މުވައްޒަފުންގެ މުސާރަ އެކަނި. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާ ހަވާލުވެ ވަޢުދުވެވަޑައިގަންނާވާފައިވާ ގޮތަށް ފުލުހުންނާއި ސިފައިންނާއި ޖުޑިޝަރީއާއި ލޯކަލް ކައުންސިލްތަކުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައިގެ އިތުރުން ސިވިލް ސާރވިސްގެ މުވައްޒަފުންގެ މުސާރާ ވަނީ އެއްހަމަކޮށްފައި،" ސާޢިދު ވިދާޅުވިއެވެ.
"ޒަމާންތަކަށްފަހު ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކޮށް ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން އެމުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލެއް އަންނާނެކަމަށް ބަލޭވޭއިރު ސަރުކާރަށް ދިގުރާސްތާގައި އެ މުވައްޒަފުންގެ މަސައްކަތް އެފިޝެންޓުކޮށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ފުރުސަތު ލިބިގެންދޭ. މިގޮތަށް، މުސާރަތައް ހާމަނައިޒްކުރުމަށް ހިމަނައި ފާސްކުރުމަށް ހުށަހަޅާފައިވާ ބަޖެޓަށް ސަރުކާރުންވަނީ އަންދާޒަކުރެވޭ އާމްދަނީއަށްވުރެ ރިކަރަންޓް ޚަރަދު ބޮޑު ނުވާނޭ ގޮތެއްގެ މަތީން ފިސްކަލް ދެމެހެއްޓެނިވިކަމަށް އިސްކަންދީފައި."
ސާއިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މުސާރައިގެ ހަމަހަމަކަން ގެނައުމާއެކު، ހަރުދަނާ ފިސްކަލް މެނޭޖްމަންޓާއި، މިހާރު ލިބެންހުރި އިންސާނީ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމާއި، އަދި މުޅި ދައުލަތުގެ ސެކްޓަރުގައި ނަތީޖާއަށް އަމާޒުކުރެވޭ އުސޫލުތައް ތަޢާރަފުކުރުމެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ޖަލްސާގައި އިއްޔެ މަޝްވަރާކުރެވިފައިވަނީ މިނިވަން މުއައްސަސާތަކުގެ ބަޖެޓުތަކާގުޅޭގޮތުންނެވެ. އެގޮތުން، މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުން މުސާރައާއި އިނާޔަތްތައް ހަމަޖައްސަން ދަތިވާނެކަމަށް ފާހަގަކޮށްފައިވެ އެވެ.
ޑެޕިއުޓީ މިނިސްޓަރު ސާއިދު މިކަމާގުޅޭގޮތުން ޖަވާބުދާރީވަމުން، ބަޖެޓު އެކުލަވާލުމުގައި ރިކަރަންޓް ޚަރަދުތައް އިތުރުވާ މިންވަރު އާމްދަނީ އިތުރުވާ މިންވަރަށްވުރެ ދަށްކުރުމަށް ރިއާޔަތްކުރުމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުގެ ދަށުން ލާޒިމުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއިން ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ. އަދި ބަޖެޓު އެކުލަވާލާފައިވަނީ އެގޮތުގެ މަތިންކަމުގައި ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ސާއިދު ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ބަޖެޓު ދިރާސާކުރާ ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ބަޖެޓު ދިރާސާކުރުމުގައި މިކަންކަމަށް ރިއާޔަތްކުރުމަށް އެދެފައިވެއެވެ. އަދި ފިސްކަލް ޒިންމާގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މި ބަޖެޓާއެކު ހުށަހަޅާފައިވާ ފިސްކަލް އަމާޒުތަކަށް ބުރޫނާރާ ގޮތަށް، މަޖިލީހުގެ ކޮމިޓީން ލަފާދޭގޮތަކަށް ހުށަހަޅާފައިވާ ބަޖެޓަށް ބަދަލުގެނެވިދާނެކަމަށް ދަންނަވާފައިވެއެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން އެކީ އެއްފަހަރާ އަދާކުރަންޖެހޭގޮތަށް ނަގާފައިވާ 9.3 ބިލިއަން ރުފިޔާ ހިމަނާއިގެން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ޚަރަދުގެ ގޮތުގައި 49.3 ބިލިއަން ރުފިޔާ އެކަށައަޅާފައިވާ އަންނަ އަހަރު 40.4 ބިލއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.