އެނގިފައިވާ ގޮތުގައި، ފެނުގެ ސާމްޕަލްގެ ނަތީޖާ ލިބޭނެކަމަށް ބެލެވެނީ މާދަމާގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، މިހާރު ގޭގެއަށް ފެން ދޫކުރަން ފަށާފައިވަނީ، އެންމެ ފަހުން ނެގި ފެނުގެ ސާމްޕަލްގެ ނަތީޖާ ނުލިބެނީސްކަމަށް ބުނެ، ފެނުގެ ރައްކާތެރިކަން ކަށަވަރުވަންދެން، ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުވައްމުލަކުން ވަނީ ސަޕްލައި ފެން ކަނޑާލައިފަ އެވެ. ފެން ކަނޑާލާފައި ވަނީ ބޭނުން ކުރެވޭ ވަރަށްވުރެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ފެން ބޭނުން ކުރަން ރައްކާތެރި ނޫން ވީމަ އެވެ.
ހައެއްކަ ގަޑިއިރުން މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މުޅިން މައްސަލަ ހައްލު ނުވާތީ އެ ސިޓީގެ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
އެ މައްސަލަ ހައްލުކޮށް، ރެއިން ފެށިގެން ގޭގެއަށް ފެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ފުވައްމުލަކު ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފެނަކައިގެ ފެން އުފައްދާ ޕްލާންޓަށް ކައުންސިލުން ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ފެނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް އެންމެ ފަހުން ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށް ބުންޏެވެ.
އެހެންކަމުން، ފެނުގެ ރައްކާތެރިކަން ކަށަވަރުވަންދެން، ގޭގެއަށް ފެން ދޫނުކުރަން ފެނަކައިގައި އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ފެނުގެ ސާމްޕަލްގެ ނަތީޖާ ލިބޭނެކަމަށް ބެލެވެނީ މާދަމާގެ ހެނދުނުގެ ވަގުތެއްގަ އެވެ.