ބަލައި ފާސްކުރި ތަންތަނުން ފުލުހުން ވަނީ މަސްތުވާތަކެއްޗާއި، އެތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މުޅި ރާއްޖޭގައި މިއަދު ފަށާފައިވާ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނުގައި މިހާތަނަށް 90 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ހިންގާ މި އޮޕަރޭޝަނުގައި އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރަމުންދާއިރު، މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ދަނީ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.
މިއަދު ހެނދުނު 5:30 ގައި ފެށި މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 97 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބަލައި ފާސްކުރި 86 ތަނަކުން ފުލުހުން ވަނީ މަސްތުވާތަކެއްޗާއި، އެތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދައިފަ އެވެ.

ފުލުހުން ވަނީ ފެނިފައިވާ ބައެއް ތަކެތީގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ފުލުހުން ބުނެފައި ވަނީ މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އޮޕަރޭޝަން ހިންގުމަށް ފުލުހުންނަށް އެންގެވީ، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.