ފެން ދޫކުރަން ފަށާފައި ވަނީ ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތަހުލީލުކޮށް، ހުއްދަ ލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، މިހާރު ގޭގެއަށް ފެން ދޫކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުވައްމުލަކުން ވަނީ ސަޕްލައި ފެން ކަނޑާލައިފަ އެވެ. ފެން ކަނޑާލާފައި ވަނީ ބޭނުން ކުރެވޭ ވަރަށްވުރެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ފެން ބޭނުން ކުރަން ރައްކާތެރި ނޫން ވީމަ އެވެ.
ހައެއްކަ ގަޑިއިރުން މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މުޅިން މައްސަލަ ހައްލު ނުވާތީ އެ ސިޓީގެ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވީ ރެއިން ފެށިގެން އެ ސިޓީގެ ގޭގެއަށް މިހާރު ފެން ލިބޭނެ ކަމަށެވެ. ފެން ދޫކުރަން ފަށާފައި ވަނީ ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތަހުލީލުކޮށް، ހުއްދަ ލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނުގެ ވިއުގައިގައި މައްސަލައެއް ފާހަގަނުވާ ހިސާބުތަކަށް މިހާރު ފެން ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ކްރޮސް ކަނެކްޝަން ހަދާފައި ހުރި ގެތަކަށް އަދި ފެން ނުލިބޭނެ ކަމަށާއި، އެ ގެތަކަށް ފެން ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ކްރޮސް ކަނެކްޝަން ހަދާފައިވާ ގެތަކަކީ ސަޕްލައި ފެނާއި ވަޅުފެން އެއް ހޮޅިއަކުން ގުޅައިގެން ބޭނުންކުރާ ގޭބިސީތަކެވެ.
ނަޖާހު ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީގެ ފެނުގެ ވިއުގައިގައި ހުރި ފެން ލީކުވުމުގެ ބޮޑެތި މައްސަލަތައް ވެސް މިހާރު ވަނީ ހައްލުކޮށްފަ އެވެ.