އަދުހަމް މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައިކޯޓަށް

މައްސަލަ ސާބިތުވާ ކަމަށް ކަނޑަޅައި، އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މޭ، 2023 ގައެވެ.

ޓެކްސީ ޑްރައިވަރު ގާސިމް (ކ) އަދި އަދުހަމް (ވ)

ޓެކްސީއެއް ތެރޭގައި ޑްރައިވަރަށް ބިރު ދައްކައިގެން ފޭރެން އުޅެ، އެކަން ނާކާމިޔާބު ވުމުން ވަޅިން ހަމަލާދީ ޑްރައިވަރު މަރައިލި ޅ. ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހު ޓެކްސީ ޑްރައިވަރުމ ގާސިމް ހަސަން މަރާލާފައި ވަނީ ހަތް އިންޗި ވަޅިއެއްގެ ތިލަ އެއްކޮށް އޭނާގެ ކަރަށް ވައްދާލުމުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. މި މައްސަލާގައި އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލަ ސާބިތުވާ ކަމަށް ކަނޑަޅައި، އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މޭ، 2023 ގައެވެ.

މަރަން ހުކުމް ކުރާ މީހުންގެ މައްސަލަތައް އެމީހުންގެ ފަރާތުން އިސްތިއުނާފް ނުކޮށްފިނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހަޅަން ޖެހެ އެވެ. އެގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ އަދުހަމް ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ގާސިމް މަރާލުމުގެ ގަސްތު ނެތް ކަމަށާއި، އެއީ މަސްތުވެގެން ހުރެ ކުރެވުނު ކަމެއް ކަމަށް ބުނެފަ އެވެ. އޭނާ ވަނީ އެކިފަހަރު އެކި ގޮތަށް ހާދިސާ ހިނގި ގޮތް ޝަރީއަތަށް ކިޔައިދީފަ އެވެ.

މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ އަލީ ނަދީމް ވިދާޅުވެފައި ވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ހާދިސާ ހިނގި ގޮތް އަދުހަމް ޝަރީއަތުގައި ކިޔައިދީފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ކުށަށް އިއުތިރާފްވިޔަސް، ފަހުން އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ މަސްތުގައި ހުރެގެން ކުރި ކަމެއް ކަމަށް އަދުހަމް ބުނެފައިވެ އެވެ.

ހުކުމުގައި ބުނީ ގާސިމްގެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެ ގާސިމްގެ ކަރާ ދިމާލަށް ވަޅި ދިއްކުރުމަކީ މަރާލުމުގެ ގަސްތު އޮތް ކަމަށް ބެލެވޭ ކަމެއް ކަމަށެވެ. ކަރަކީ އަނިޔާއެއް ލިބިއްޖެނަމަ މަރުވެދާނެ ގުނަވަނަކަށްވާއިރު، އެއީ މީހަކު ގަސްތުގައި މަރާލުމަށް ދީފައިވާ އަނިޔާއެއް ކަމަށް ބެލެވެ އެވެ.

ހަމަލާއަށްފަހު އޭނާގެ އަމަލުތައް ހުރި ގޮތުން ވެސް މަރާލުމުގެ ނިޔަތް އޮތް ކަމަށް ހުކުމުގައިވެ އެވެ. ހަމަލާއަށްފަހު އަދުހަމް ކާރުން ފޭބިއިރު ކަރުގައި އަތް އަޅައިގެން ގާސިމް އެހީއަށް އެދުނު ނަމަވެސް އަދުހަމް އެތަނުން ފިލީ އެވެ. އަދި ވަޅި އާއި ލައިގެން ހުރި އެއްޗެހި ވެސް ފޮރުވީ އެވެ. އޭނާގެ ފަރާތުން ގާސިމްއަށް އެހީތެރިކަން ފޯރުކޮށްދީ، ހޮސްޕިޓަލަށް ގެންގޮސްދިންނަމަ، ގަސްދެއްނެތި ވީކަމެއް ކަމަށް ބެލެވޭނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.