ޝާމިލް ވިދާޅުވީ، ބަޖެޓުގައި މިހާރު ކަނޑައަޅާފައިވަނީ، އޭސީސީގެ ބަޖެޓު ސީލިންގަށް ވުރެ ވެސް ކުޑަ ބަޖެޓެއް ކަމަށެވެ.

ސަރުކާރުން އަންނަ އަހަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ކަނޑައަޅާފައިވަނީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރެވޭ ވަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު އޭސީސީގެ ބަޖެޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ޝާމިލް ވިދާޅުވީ، ބަޖެޓުގައި މިހާރު ކަނޑައަޅާފައިވަނީ، އޭސީސީގެ ބަޖެޓު ސީލިންގަށް ވުރެ ވެސް ކުޑަ ބަޖެޓެއް ކަމަށެވެ.
މިގޮތުން، އޭސީސީގެ ބަޖެޓު ސީލިންގެ ގޮތުގައި 49.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބަޖެޓު ފޮތުގައިވާ ގޮތުން އޭސީސީ އަށް އަންނަ އަހަރަށް ކަނޑައެޅީ 47.4 މިލިއަން ރުފިޔާ އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި، ބަޖެޓު އޮތް ގޮތުން އޭސީސީގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ވެސް އަދާނުކުރެވޭނެ އެވެ.
އޭސީސީގެ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން 97 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމަށެވެ. އެހެންވެ، މަސްއޫލިއްޔަތު އަދާކުރުމަށް ސީދާ ހިންގާ ޕްރޮގްރާމުތަކަށް އޮތީ އެންމެ 1.6 މިލިއަން ރުފިޔާ އެވެ.
"މުޅި ކޮމިޝަންގެ ބޭސްލައިން ބަޖެޓަށް ބަލާއިރު، އަޅުގަނޑުމެންނަށް 78.3 ޕަސެންޓް، އެއީ 37 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރަ އާއި އިނާއަތްތަކަށް. ދެން އެ އަށް ފަހު ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަހުގީގުތައް ހިންގުމަށް ރާއްޖެ މި އޮތް ގޮތުން މީގައި ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތިވާނެ. ބަޖެޓުގައި މި އޮތް ގޮތުން 0.3 އިންސައްތަ (130،000ރ.) ތަހުގީގުގެ ދަތުރުތަކަށް ލިބިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.