ހަނިމާދޫ އެއާޕޯޓް "ހަމްބަންޓޯޓާ" އެއާޕޯޓަށް ވުމުގެ ފުރުސަތު ބޮޑު !

ހަނިމާދޫ ފީޒިބަލް ކުރަން އެންމެ މަދުވެގެން 8،000 އެނދު ބޭނުންވެ އެވެ. އެކަމަކު މިހާރު ހުރީ އެންމެ 2،000 އެނދެވެ. ނަމަވެސް ހަނިމާދޫ ދެކޮޅު ޖެއްސޭނެ ގޮތްތައް އެބަހުއްޓެވެ.އެކަން ކުރަން އަވަހާ ފިޔަވަޅު އަޅަން ޖެހެ އެވެ.

މައްތަލަ ރާޖަޕަކްސަ ބައިނަލްއަޤްވާމީ އެއާޕޯޓް އަދި ރާއްޖޭގެ ހަނިމާދޫ އެއާޕޯޓް

ސްރީލަންކާގައި މީގެ 13 އަހަރު ކުރިން އުންމީދީ މަަޝްރޫއެއް ނިންމާލި އެވެ. ސްރީލަންކާގެ ދުރު ހިސާބެއް ކަމަށްވާ ހަންބަންޓޯޓާގައި މައްތަލަ ރާޖަޕަކްސަ ބައިނަލްއަގުވާމީ އެއާޕޯޓް ހުޅުވިއިރު، އޭރު ސަރުކާރުން ބުނަމުން ދިޔައީ މިތަންވާނީ އުންމީދީ މަޝްރޫ އަކަށް ކަމަށެވެ. މަޝްރޫއުގެ އަގަކީ ބައެއް ހިސާބުތަކުން ދައްކާ ގޮތުންނަމަ 243 މިލިއަން ޑޮލަރެވެ. މަޝްރޫއު ކުރިއަށް ގެންދިޔައީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނަކުންނެވެ. މުޅި މަޝްރޫއުގެ ޖުމްލަ ހަރަދުގެ ތެރެއިން ގާތްގަނޑަކަށް 190 މިލިއަން ޑޮލަރުއަކީ ޗައިނާގެ ލޯނެކެވެ. ނަމަވެސް އެއާޕޯޓް ހުޅުވިތާ އަހަރު ތަކެއް ވެގެން ދިޔައިރު މި އެއާޕޯޓަށް ޖައްސާގެ ފްލައިޓެއް ނުވި އެވެ. ފްލައިޓް އިތުރު ކުރެވޭނެ ގޮތެއް ވެސް ނުފެނުނެވެ. ހިސާބުތައް ބުނާ ގޮތުންނަމަ މި އެއާޕޯޓަށް 2017 އިން 2022 ގެ ނިޔަލަށް އެކަނި ބެލިނަމަވެސް 40 ބިލިއަން ލަންކާ ރުޕީސްގެ ގެއްލުމެއްވި އެވެ. ނަތީޖަކީ އެއާޕޯޓް ހިންގަން ބޭރު ބަޔަކަށް ދޭން އެ ގައުމަށް މަޖުބޫރުވުމެވެ. 

ރާއްޖެ އަށް ބަލާއިރު ރާއްޖޭގެ އެންމެ އުންމީދީ އަތޮޅު ކަމަށްވާ އިހަވަންދިޕޮޅުގައި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުން މިދިޔަ ހަފުތާގައި ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ފެންނަނީ ހަމަ އެ "ސްޓޯރީ" އެވެ. އަތޮޅު އުންމީދުވިޔަސް ދުރުން އުންމީދު ތަކެއް ފެނުނަސް މި އެއާޕޯޓް ފީޒިބަލް ކުރެވޭނެ ގޮތެއް އަދި ނެތެވެ. އެއް ސަބަބަކީ އެއާޕޯޓަށް ފްލައިޓް އިތުރު ކުރެވޭނެ ޓޫރިސްޓު އެނދުތައް ކައިރި އަތޮޅުތައް އެއްކޮށްލައިގެން ވެސް ފެންނާނެ ނެތުމެވެ. މި އެއާޕޯޓް ފީޒިބަލް ކުރާނެ ގޮތުގެ ކުރެހުމެއް ފެންނަން ނެތުމެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުން ތަރައްގީކުރި މި ރީތި އެއާޕޯޓު ކުރިން ހިންގަން ހަވާލުކޮށްފައި އޮތީ ރީޖަނަލް އެއާޕޯޓް ކުންފުންޏާ އެވެ. މިތަން ތަރައްގީ ކުރުމުގެ މަރުހަލާ ކުރިއަށް ދިޔަ ދުވަސްވަރު އެ ކުންފުނީގެ އިސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއާޕޯޓު ދެކޮޅު ޖެއްސުމެވެ. އެއާޕޯޓް ހުޅުވެންވާއިރަށް މި ސަރަހައްދުގައި ޓޫރިސްޓު އެނދުތަކެއް ތަރައްގީ ނުވެއްޖެނަމަ ކުރިމަތިވާނެ ގެއްލުން އަންދާޒާ ވެސް ކުރަން ދައްޗެވެ. އެ ބޭފުޅުން ޖެހި ހުރިހާ ހިސާބަކުން ވެސް ފެންނަން އޮތީ އެ ނުތަނަސް ކަމެވެ. އެ ބޭފުޅުންގެ އޭރުގެ އަންދާޒާއަކީ އެންމެ މެދުވެގެން މި އެއާޕޯޓް ފީޒިބަލް ކުރަން ބޭނުންނަމަ 8،000 ޓޫރިސްޓް އެނދު ބޭނުންވުމެވެ. ސުވާލަކީ މިހާރު މި ސަރަހައްދުގައި ހުރީ ކިހާ އެނދެއް ހެއްޔެވެ؟ 

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށްފައިވަނީ މަޝްހޫރު އިހަަވަންދިއްޕޮޅުގަ އެވެ. މިއި ކުރީގެ ސަރުކާރަކުން އައިހެވަންގެ ނަމުގައި ބިޔަ މަޝްރޫއެއް އިއުލާނުކުރި އަތޮޅެވެ. އަދި މި ސަރުކާރުން ބަންކަރިން ވަސީލަތް ގާއިމް ކުރަން ތައްޔާރުވަމުންދާ އަތޮޅެވެ. އަދި ހއ. އާއި ހދ. އަތޮޅުގައި ޖުމްލަ މި ވަގުތު ހުރި ޓޫރިސްޓު އެނދުގެ ނަމްބަރަކީ 1,680 އެވެ. އެއީ ހއ. ގައި ހިންގާ ދެ ރިސޯޓެއްގައި ހުރި 448 އެނދާއި ހދ. ދެ ރިސޯޓެއްގައި ހުރި 162 އެނދުގެ އިތުރުން ހއ. ގެ 23 ގެސްޓްހައުސްއެއްގައި ހުރި 284 އެނދު އަދި ހދ. ގެ 14 ގެސްޓްހައުސްއެއްގައި ހުރި 170 އެނދެވެ. އިހަވަންދިއްޕޮޅުގައި ހާރަކަސް ތަރާވީހަކަސް މި ވަގުތު ޓޫރިސްޓުން ގެނެސް އަޅަން ހުރީ މި އެނދުތަކެވެ. އެހެންވެ އިތުރު އެނދުތަކެއް ޔޫޓިލައިޒް ކުރަން ބޭނުންނަމަ ހަނިމާދޫގައި އެއާ ޓެކްސީ ބޭހެއް ހަދައި އެއާ ޓެކްސީ ނިޒާމަކުން ގުޅާލައިފިނަމަ ކައިރި ސަރަހައްދުތަކަށް ޓޫރިސްޓުން އުފުލަން ފަހި ފުރުސަތު އެބައޮތެވެ. މިގޮތުން ބަލާނަމަ ކައިރީގައި އޮތް ށ. އަތޮޅުގައި ޖުމްލަ ހުރީ 512 އެނދެވެ. 

ހަނިމާދޫ އެއާޕޯޓާ ކައިރިން ހުރި އެނދުގެ ޖުމްލަ މި ތިން އަތޮޅު އެއްކޮށްލުމުން އަރަނީ 2,192 އަށެވެ. ދެން މި ނެޓްވޯކް އެކްސްޕެންޑް ކުރެވިދާނެ ފުރުސަތުތަކެއް އެބައޮތެވެ. ނަމަވެސް އެއާޓެކްސީ ބޭހެއް ހަދަން ކުރިން ޕްލޭން ކުރިނަމަވެސް މިހާރު އެތަން ހިންގާ އެމްއޭސީއެލް އިން އެ ވާހަކައެއް ނުދައްކަ އެވެ. އެކަންވީ ހިސާބެއް ވެސް ނޭނގެ އެވެ. މިއީ ހަނިމާދޫ އަށް ފީޒިބަލް ކުރެވޭނެ އެއްގޮތެވެ. ނަމަވެސް ހަނިމާދޫ ހުޅުވެންވާއިރަށް ޓޫރިސްޓު އެނދު އިތުރު ކުރެވޭ ތޯ ރައީސް ސޯލިހު ވެސް މަސައްކަތް ކުރެއްވި އެވެ. އިންޑިއާގެ އިންވެސްޓަރުންގެ ގާތަށް ވެސް ދިޔަ އެވެ. ނަަމަވެސް އެ މީހުން އެކަމެއް ބޭނުމެއް ނުވި އެވެ. އޭގެފަހުން މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ ހަނިމާދޫ ކައިރިން ޓޫރިޒަމަށް ތިން ރަށް ހާއްސަކޮށް އިންޑިއާގެ އިންވެސްޓަރުން ލިބޭ ތޯ ބައްލަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެފަހުން ހާއްސަ އިންސެންޓިވް ތަކެއް ދީގެން މި ސަރަހައްދުގައި އިންވެސްޓަރުން އެޓްރެކްޓް ކުރަން މި އަހަރުގެ ޖެނުއަރީ މަހު އެނދުތަކެއްވެސް ނެތުމެވެ. ގާތްގަނޑަކަށް 30-70 ޕަސެންޓު ޑިސްކައުންޓެއް ދީގެން މި އެނދުތައް ނެތުމުން ވެސް މި ސަރަހައްދު ތަކުން އިއުލާނު ކުރި ރަށްތަކަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ. 

އެއާޕޯޓުގެ ހިދުމަތްތައް

  •  1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ
  •  ހަތަރު ބެޖޭޖު ބެލްޓް
  •  ޗެކިންއަށް ހާއްސަ ހޯލެއް
  •  ނުވަ އިމިގްރޭޝަން ކައުންޓަރު
  •  އިންޓަނޭޝަލް / ޑޮމެސްޓިން ފަސިންޖަރުންނަށް ވަކިން އެކްސެސް
  •  ޓްރާންސިޓް ފަސިންޖަރުންނަށް ވަނިން ހިދުމަތް
  •  ވީވީއައިޕީސް އަށް ހާއްސަ ޓާމިނަލެއް
  •  ޑޮމެސްޓިކް / އިންޓަނޭޝަން ބަގޭޖު ވަކިން ހޭންޑްލް ކުރުން

ޓޫރިޒަމް އެނދުތައް އިތުރު ކުރުމުގެ ކަންކަން މިހިސާބުގައި އޮތްއިރު މި އެއާޕޯޓަކީ ވީއައިއޭ ފަދަ ފުރިހަމަ ވަސީލަތް ހުރި ތަނެކެވެ. މިއި ނެރޯބޮޑީ އެއާކްރާފްޓަށް ފުރިހަމަކޮށްފައިވާ އެއާޕޯޓެވެ. މާނައަކީ އޭ-320 މަރުކާގެ ބޯޓުތައް މިތަނަށް ޖެއްސޭނެ އެވެ. އެހެންކަމުން އެންމެ މަދުވެގެން މި އެއާޕޯޓް ހިންގަން ބޭނުންނަމަ 300 އެއްހާ މުވައްޒަފުން ބޭނުންވެ އެވެ. އަދި މި އެއާޕޯޓަކީ ބޭރުން ލޯނެއް ނަގައިގެން ހެދި ތަނެވެ. 

އިންޑިއާ އިން 25 އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށް ދީފައިވާ މި ލޯނަށް އަހަރު 10 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. މިތަން ހިންގަން އެހެން ހަރަދުތަކެއް ވެސް ހުންނާނެ އެވެ. ކުރިން ހަނިމާދޫ ތަރައްގީ ނުކުރާއިރު ހަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. އަދި މިހާރު މުޅި އެއާޕޯޓް ފުރިހަމަކޮށް ވަސީލަތް ތަރައްގީކޮށްފައިވާތީ މި ހަރަދު ދެ ގުނަވާނެ އެވެ. މި އެއާޕޯޓް ފީޒިބަލް ކުރަން ބޭނުންނަމަ އެންމެ މަދުވެގެން މިހާރު ހަނިމާދޫ އަށް ދަތުރުކުރާ ޑޮމެސްޓިކް ހަ ފްލައިޓުގެ އިތުރުން ދުވާލަކު 12 އިންޓަނޭޝަނަލް ފްލައިޓް އިތުރު ކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެ އެވެ. ސުވަކީ އެކަމަށް އޮތް ޕްލޭންތަކެވެ. 

އެއާޕޯޓް ދެކޮޅު ޖައްސާނެ ގޮތަކާމެދު ވިސްނަން ޖެހޭ

މި އެއާޕޯޓުގައި ފްލައިޓް އަޅަން ފުރުސަތު ނެތްނަމަވެސް، އެމްއޭސީއެލް އަށް އިތުރު ދޮރުތަކެއް ހުޅުވެން އެބައޮތެވެ. ސަބަބަކީ މި ތަން އޮތް ރޫޓެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ފްލައިޓް ދަތުރުކުރާ އެއް މަގެވެ. އަދި މިތަން ތަރައްގީކޮށްފައިވަނީ ތެޔޮ ރައްކާކުރެވޭނެ ގޮތަށް މުޅި އެއާޕޯޓުގަ ހޮޅި އަޅާފަ 1.6 މެޓްރިކް ޓަނުގެ ފިއުލް ފާމެއް / ތެޔޮ ރައްކާކުރާނެ ވަސީލަތާއެކުގަ އެވެ. އަދި ނ. އަތޮޅުގައި ގިނަ ރިސޯޓްތަކެއް ހުރުމުން ޖެޓްތަކަށް ތެޔޮ އެޅުންފަދަ ފައިދާތައް މި އެއާޕޯޓުން ނެގޭނެ އެވެ. އެމްއޭސީއެލް އިން މިތަން ނެގި އެއް ސަބަބަކީ ވެސް މި އެވެ. މީގެ އިތުރުން ވެސް މި އެއާޕޯޓް ފީޒިބަލް ކުރަން އިތުރު ކަންކަން ކުރެވިދާނެ އެވެ. 

ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ ގިނަ އެއާލައިންތައް އުދުއްސާ އެއް ގައުމެވެ. އަހަރަކު 250,000 ފްލައިޓް މޫވްމެންޓް ރާއްޖޭައި ހަދަ އެވެ. އެހެންވެ އެއާލައިން މެއިންޓަނަސް އަށް ރާއްޖޭގައި ފުރުސަތު އެބައޮތެވެ. ހަނިމާދޫގައި އެއާކްރާފްޓް މެއިންޓަނަސް އަދި އޯވަހޯލް ކުރާ ފެސިލިޓީއެއް ނުވަތަ (އެމްއާރުއޯ) ވަސީލަތެއް ގާއިމްކޮށްފިނަމަ ގިނަ ފުރުސަތު ތަކެއް ރާއްޖެއަށް ހުޅުވޭނެ އެވެ 

ރާއްޖޭގެ ސީޕްލޭން އޮޕަރޭޓަރުން ކޮންމެ އަހަރަކު އެތައް ބޯޓެއްގެ އިންޖީނު މަރާމާތު ކުރަން އެކްސްޕޯޓް ކުރެ އެވެ. މިހާރު މި މަސައްކަތް ކުރަނީ މި ސަރަހައްދުގެ ގައުމުތަކުގަ އެވެ. ލަންކާ އިން އެ ދަނީ އެމްރާއުރޯ ވަސީލަތް ހަދައި ބޮޑު ފައިދާއެއް ނަގަމުންނެވެ. ހަނިމާދޫގައި މީގެ ތަނެއް ހަދައިފިނަމަ މުޅި އަތޮޅާއި ރާއްޖެއަށް ވެސް ފައިދާ ކުރާނެ އެވެ. 

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި އެއާލައިން ގެނެސް ފީޒިބަލް ކުރާ އެއާޕޯޓެއްގެ ބަދަލުގައި 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން އެމްއާރުއޯ ވަސީލަތެއް ގާއިމްކުރެވިއްޖެނަމަ މި އެއާޕޯޓް ދެކޮޅު ޖެހޭ ތަނެއްގެ ގޮތުގައި ހިންގަން ފުރުސަތު ލިބޭނެ އެވެ. ނަމަވެސް އެހެން ގޮތަކަށް މަސައްކަތްކޮށްފިނަމަ ހަނިމާދޫ ވާނީ ލަންކާގެ މަަޝްހޫރު ހަމްބަންޓޯޓާ އެެއާޕޯޓް ފަދަ ގެއްލުން ބޮޑު ތަނަކަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.