އެ ބިލުގައި، ފަނޑިޔާރު ކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަމާއި އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތެއްކަން ކަށަވަރު ކުރެވިގެންދާނެ ކަންކަން އިސްލާހުކޮށްފައިވެ އެވެ.

ކުރީގެ ފަނޑިޔާރުންނަށް، އެމީހަކު ވަޒީފާ އަދާކުރި ކޯޓެއްގައި ވަކި މުއްދަތަކަށް ވަކީލުކަން ނުކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ބިލުގައި، ފަނޑިޔާރު ކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަމާއި އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތެއްކަން ކަށަވަރު ކުރެވިގެންދާނެ ކަންކަން އިސްލާހުކޮށްފައިވެ އެވެ.
އޭގެތެރޭގައި، އެ ގާނޫނަށް ގެނެސްފައިވާ މުހިންމު އެއް އިސްލާހަކީ، ފަނޑިޔާރު ކަމުން އިސްތިއުފާދީފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މީހަކު ވަޒީފާ އަދާކުރި ކޯޓެއްގައި ވަކި މުއްދަތަކަށް ވަކީލުކަން ނުކުރެވޭ ގޮތަށް ގެނެސްފައިވާ އިސްލާހެވެ. އެގޮތުން، ފާއިތުވި ތިން އަހަރު ފަނޑިޔާރުކަން ކުރި ކޯޓެއްގައި މަގާމުން ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހު ވަކީލުކަން ނުކުރެވޭނެ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.
އޭގެ އިތުރުން ވެސް ފަނޑިޔާރަކު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެމީހަކު އިސްތިއުފާދީފިނަމަ، އެ މީހަކަށް ލިބެންޖެހޭ އިނާޔަތް ނުލިބޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.
މި ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު އެ ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.