ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް | މަތީ ދަރަޖަ 33 ބޭފުޅަކަށް

ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މިއަދު ލިބުނު 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު ރައީސް ޑރ. މުއިއްޒު ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި، މި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މިއަދު ލިބުނު 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު އަރުވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ދެހާސްއެކާވީސް ވަނަ އަހަރު މި އިނާމު ދޭން ފަށާފައިވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. 

މިއަދުގެ ޖަލްސާގައި ރާއްޖެއަށް ރީތި ނަން ހޯދައިދީގެންނާއި މަސައްކަތްތެރިކަމާއި އިލްމީ ގޮތުން އެކި ކާމިޔާބުތައް ހޯދާފައިވާ 33 ބޭފުޅަކަށް މަތީ ދަރަޖައިގެ އިނާމު ވެސް އަރުވައިފަ އެވެ.

ރައީސް އޮފީހުން ބުނީ މަތީ ދަރަޖައިގެ އިނާމަށް 90 ބޭފުޅަކު މި ފަހަރު ފޯމު ހުށަހެޅި ކަމަށާއި އޭގެ ތެރެއިން އެ އިނާމު ދިނުމަށް ޝަރުތު ހަމަވީ 33 ބޭފުޅަކަށް ކަމަށެވެ.

އެއީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރެއްވި 8 ބޭފުޅަކަށާއި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ ލެވަލް 8 ގެ ނުވަތަ ލެވަލް 9 ގެ ސަނަދެއް ހާސިލް ކުރުމުގައި އެންމެ މަތީ ވަނަ ހޯދައިގެން 23 ބޭފުޅަކެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ އެ ނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލްކުރެއްވި ދެ ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.