މިނިސްޓަރު ޒަމީރު ވިދާޅުވީ ދަރަނި ދައްކަން ޖެހޭ އަދަދު އިތުރުވެފައިވަނީ ދެއްކުމުގެ ބަދަލުގައި ފަސް ކުރަމުން ގެންދިއުމެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ދެއްކަން ހުރި ހުރިހާ ދަރަނި އަވަހަށް ދެއްކުންކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.

އަންނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނީގެ އަދަދުތައް ދައްކާނެ ޕްލޭނެއް ނެތް ވާހަކަ އަބަދުވެސް ސަރުކާރަށް ތުހުމަތު ކުރި އެވެ. އެ ވާހަކަ ކިޔައި ނުދެވިގެން އުޅެނީ ކީއްވެގެންހޭ އިނދިކޮޅުން ސަރުކާރަށް ސުވާލު ކުރެ އެވެ. ބަޖެޓު ކޮމެޓީގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިތުބާރާއެކު ވިދާޅުވެ ދެއްވީ ނުދަރައި އަމާން ބަނދަރުގެ އައްސޭރިއަށް ގެންދަން ސަރުކާރުން ހެދި ޕްލޭންތަކާއި ޖެހި ހިސާބު ނަމްބަރުތަކެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭން މިހާތަނަށް ދަރަނި ނަގަމުނ އައިނަމަވެސް ދަރަނި ދައްކަން ވިސްނާފައި އޮތް ކަމަށް ގަބޫލެއް ނުކުރެ އެވެ. މީގެ ސަބަބެއް ކަމަށް ޒަމީރު ވިދާޅުވީ އަހަރުން އަހަރަށް ދަރަނި ފަސް ކުރުން ނޫންކަމެއް މިދިޔަ އަހަރުތަކުގައިވެސް ކޮށްފައި ނެތުމެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ އެ ދަރަނީ ވީއެންމެ އަވަހަކާ ހަލާސް ކުރުންކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
"ދަރަނި ނެގިއިރު ނަގާފަ ހުރީ ދަަށްކަން ޖެހޭ އެއްޗެއް ގޮތަށް ވިސްނާފައެއް ނޫން. އެހެންވެ ދަށް ކުރަން ވިސްނާފައެއް ވެސް ނެތް. 250 މިލިއަން ޑޮލަރުގެ ލޯނެއް ދައްކަން މި ނަގަނީ އިތުރު 500 މިލިއަން ޑޮލަރުގެ ލޯނެއް. 2017 ގައި ނެގި ސަނީ ސައިޑް ބޮންޑަށް 2021 ގައި 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ. އެހެންވީމަ ދަރަނި ދަށެއް ނުދާނެ. އެއީ ހަގީގަތުގައި ވެފަ އޮތް ގޮތަކީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 2018 ގައި އޭރު ސަރުކާރުން 150 މިލިއަން ޑޮލަރުގެ ރޯލްއޯވާ ފެސިލިޓީއެއް ނެގި އެވެ. އަދި އެ ދައްކަން އެއްވެސް ވަރަށް ނުވިސްނާ އޮތްކަން މިނިސްޓަރު ހިތާމައާއެކު ފާހަގަ ކުރެއްވި އެވެ.
"އެ ދައްކާކަން ވިސްނާފައެއް ނެތް. ބައެއް ދަރަނި އެބަހުރި ނަގާފަ އޮފީސް ސްޓާފުން ކައިރީ ބުނެފަ މިއީ ތިމަންނައަކަށް ނޭނގެއޭ ދެއްކޭނެ ކަމެއް ވެސް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ވެސް މި ސަރުކާރުން ދައްކާފައިވާނެ ކަމަށާ އަދި އަންނަ މަހު ދައްކަން ޖެހޭ އިތުރު 25 މިލިއަން ޑޮލަރު ވެސް ރޯލްއޯވާ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. އެ ދަރަނި ވެސް ފަސް ކުރުމުގެ ބަދަލުގައި ދައްކާ ހަލާސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވިސްނުމަކީ މިހާރު އިގްތިސޯދުގެ ހާލަތަށް ބަލައި ދެއްކެން ހުރި ހުރިހާ ދަރަނީގެ އަދަދެއް ދައްކާ ހަލާސް ކުރުމެވެ. އަދި ރޯލްއޯވާ ކުރާނީ އެއަށްފަހު އެވެ. މިގޮތުން 500 މިލިއަން ޑޮލަރުގެ ތެރޭން 350 މިލިއަން ޑޮލަރު ފަސް ކުރުމަށްފަހު އޭގެން 150 މިލިއަން ޑޮލަރު ސަރުކާރުން ދައްކާނެކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
"150 މިލިޮއަން ޑޮލަރު އެބަހުރި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް - ފަހަށް ރައްކާ ކުރާ ފަންޑުގައި - މާތްﷲ ގެ ރަހުމަތުން. އެ ދުވަހަށް [ދަރަނި ދައްކަން ޖެހޭ ދުވަހަށް] ހުންނާނެ އެއަށްވުރެ ވެސް ގިނައިން. އަޅުގަނޑުމެން ވަރަށް ކޮންފިޑެންސް އެބައޮތް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ދަރަނީގެ ނަމްބަރާއެކު ރާއްޖޭގެ ޖީޑީޕީ އިތުރުވެ ފުޅާވަމުން ދިއުމަކީ މި މައްސަލަ ކުޑަކޮށްދޭނެ ކަމެއް ކަމެއް ކަމަށާ ދުނިޔޭގައި ވެސް އެކަން އޮންނަނީ އެހެން އެވެ.