މިނިސްޓަރު ވިދާޅުވީ، ރައީސްގެ ބޭނުންފުޅަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުން ކަމަށާއި، މިކަން އެންމެ ރަނގަޅަށް ކުރެވޭ މަގު މިހާރު ތަނަވަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމަނަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނުހިމެނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެ ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނުހިމެނުމުގެ ސަބަބު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ކޮންމެ ރަށަކަށް ސަރުކާރުގެ އިސްވެރިން ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް، ކައުންސިލްތަކުން ފާހަގަކުރާ ކަންކަން ނޯޓުކުރުން ފަދަ ކަންކަން އޭރުގެ ސަރުކާރުތަކުން އާންމުގޮތެއްގައި ނުކުރާ ކަމަށެވެ.
ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
މި ސިޔާސަތުގެ ދަށުން، ވެރިރަށް މާލެ ސަރަހައްދުގައި ތިބެގެން ރަށެއްގެ ސިއްހީ މަރުކަޒެއްގައި ހުންނަ މައްސަލަތަކެއް ނޭނގޭނެ ކަމަށާއި، އެކަން ދެނެގަނެވޭނީ ސީދާ އެ ރަށަކަށް ގޮސް ހާލަތު އަންދާޒާކުރެވުމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސްގެ ބޭނުންފުޅަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުން ކަމަށާއި، މިކަން އެންމެ ރަނގަޅަށް ކުރެވޭ މަގު މިހާރު ތަނަވަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް، ބައެއް ރަށްރަށުގައި މަޝްރޫއުތައް ހުއްޓިފައިވާކަމަށް ބައެއް މެމްބަރުން ވިދާޅުވުމުން، އެ މަޝްރޫއުތަކަކީ ކޮބައިކަން ދެނެގަތުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، މި ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިމޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ ރާއްޖެ އެކުލެވިފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގައި މަޝްރޫއުތައް ހިންގާނެ ގޮތް ތަފާތުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.