ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ބަޖެޓުގައި ރާއްޖެއަށް މިވަގުތު ލިބޭ އާމްދަނީއަށް ރިއާޔަތްކޮށް ހަރަދުތައް ސްޓްރީމްލައިން ކުރެވިފައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓުގެ މައިގަނޑު އަސާސަކީ ދަރަނި އަދާކުރުމަށް މަގުފަހިކޮށްދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ފިނޭންސް މިނިސްޓަރު ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ބަޖެޓުގައި ރާއްޖެއަށް މިވަގުތު ލިބޭ އާމްދަނީއަށް ރިއާޔަތްކޮށް ހަރަދުތައް ސްޓްރީމްލައިން ކުރެވިފައިވެ އެވެ. އަދި ސިއްހީ، ތަޢުލީމީ އަދި ރައްޔިތުންނާ ގުޅުންހުރި އެކި ދާއިރާތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާނެ ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ.
މީގެ ތެރޭގައި، ބޭރު ގައުމުތަކުގައި ސަރުކާރުގެ ލޯނާއި ސްކޮލާޝިޕްތަކުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް މަހުން މަހަށް ފައިސާ ފޯރުކޮށްދެވޭނެ ނިޒާމުތައްވެސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެއްފަހަރާ 600 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް އަދާކުރަންޖެހުން ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުތަކުގެ ސަބަބުން އެކި ޤައުމުތަކާއެކު ހުރި ދަރަނިތަކަށް ލުއިތަކެއް ލިބިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖެއިން އެންމެ ގިނައިން ދަރަނި އަދާކުރަންޖެހޭ ގައުމުތަކުގެ ދަރަނި ދިގު މުއްދަތަކަށް ބަހާލުމާއި، ބައެއް މަޝްރޫއުތައް ނުނިމުނު ކަމުގައިވިޔަސް މަޝްރޫއުގެ މުއްދަތަށްވާ ފައިސާ ދައްކަންނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ކުރެވިފަ އެވެ.
އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.