ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިޢުރީ ވިދާޅުވީ މި ޝަރަފަކީ އިނގެރޭސި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ދެވިފައިވާ ހާއްސަކަން ދެމިހުރިކަމުގެ ރަމްޒެއް ކަމަށެވެ.

އިނގެރޭސިވިލާތުގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ އެއް މަޖައްލާކަމަށްވާ ވޮންޑަރލަސްޓްގެ ކިޔުންތެރިންގެ ވޯޓުން ހޮވާ ވޮންޑަލަސްޓް ރީޑާ ޓްރެވަލް އެވޯޑުގައި ދުނިޔޭގެ އެންމެ މަޤުބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ރާއްޖެއިން ހޯދައިފި އެވެ.
އިނގެރޭސިވިލާތުގެ ލަންޑަން ނެޝިނަލް ގެލަރީގައި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޮތް ކުލަގަދަ ހަފްލާގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިޢުރީ އެވެ.
ލަންޑަންގައި ކުރިއަށްދިޔަ ވޯލްޑް ޓްރެވަލް މާޓް 2025ގެ ހަވާސާގައި ކުރިއަށްދިޔަ މި އެވޯޑް ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލްތަކަށް 22 ކެޓަގަރީ އަކުން އެވޯޑު ދެވުނެވެ. 4.8 މިލިއަން ވޯޓާއެކު މިއަހަރުގެ އެވޯޑުގައި ރާއްޖެ ހޯދި ކާމިޔާބީ އަކީ ވިލާތާއި މުޅި ދުނިޔޭގައި ވެސް ރާއްޖެއަށް އޮތް މަޤުބޫލުކަން ރަމްޒުކޮށްދޭ ހެއްކެކެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިޢުރީ ވިދާޅުވީ މި ޝަރަފަކީ އިނގެރޭސި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ދެވިފައިވާ ހާއްސަކަން ދެމިހުރިކަމުގެ ރަމްޒެއް ކަމަށެވެ.
"މިއީ ސީދާ ކިޔުންތެރިންނާއި ފަތުރުވެރިންގެ ވޯޓުން ހޮވޭ އެވޯޑެއްކަމުން ވިލާތުގައި އަދިވެސް ރާއްޖެއަށް އޮތް ލޯތްބާއި މަޤުބޫލުކަން ވަރަށް ބޮޑަށްވެސް ހާމަވެގެން ހިނގައްޖެ" ޝިއުރީ ވިދާޅުވި އެވެ.
މިހާރު 24ވަނަ ބާބު ގުނަމުންދާ ވޮންޑަލަޓް ރީޑާ ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ މައިދާނުގައި ދުނިޔޭގައި ދެވޭ އެންމެ ގަދަރުވެރި އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑެވެ. މިއަހަރުގެ އެވޯޑުގައި ރާއްޖެ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ، ބަރމިއުޑަރ ފަދަ މަޝްހޫރު މަންޒިލްތަކާއެވެ.