ބީއެމްއެލް އިން ވިޔަފާރިއަށް ފަހި ބަދަލެއް | ވިޔަފާރިތަކުގެ ކާޑު ކޮމިޝަން ދަށްކޮށްފި

ބީއެމްއެލް އިން ޑެބިޓް ކާޑުގެ ހިދުމަތުން %2.5 ގެ ކޮމިޝަނެއް ނަގަން ފެށީ 2000 ގަ އެވެ. ނަމަވެސް މި ކޮމިޝަން އެއް ޕަސެންޓަށް ކުޑަ ކުރުމާއެކު ވިޔަފާރިތަކުގެ ފައިދާ އިތުރު ވެގެންދާނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ބޭންކިން ވިޔަފާރި ކުރާ ބޭންކް އޮފް މޯލްޑިވްސްގެ މަރުކަޒެއްގައި މީހަކު ހިދުމަތް ހޯދަނ -- ބީއެމްއެލް

ޕީއޯއެސްއިން ކަނޑާލާ ކޮންމެ އެމައުންޓަކާއެކު ވިޔަފާރިތަކުން މިހާތަނަށް 2.5 ޕަސެންޓުގެ ކޮމިޝަނެއް ނަގަ އެވެ. މިކަން ވެފައިވަނީ ވިޔަފާރިތަކަށް ބޮޑު ބުރައަކަށެވެ. ނަމަވެސް ބޭންކް އޮފް މޯލްޑިވްސްއަށް 43 ވަނަ އަހަރު ފުރުމާ ދިމާކޮށް ވިޔަފާރިތަކަށް އެހީތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މި މާޗަންޓް ފީ މިވަނީ، އެއް ޕަސެންޓަށް ކުޑަކޮށްފަ އެވެ. 

ވިޔަފާރިތަކުގެ ފައިދާ އިތުރު ވެގެންދާނެ ބޮޑު މި ބަދަލު ގެނައިކަން އިއުލާނުކޮށް، ރާއްޖޭގައި އެންމެ ފުޅާކޮށް ޕީއޯއެސް މެޝިނުން ހިދުމަތްދޭ ބޭންކިން ނެޓްވޯކް އޮންނަ ބީއެމްއެލް އިން ބުނީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކުން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) 1 ޕަސެންޓް ވަނީ ކުޑަކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ މިއީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެއް ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް ބީއެމްއެލްއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

އެމްޑީއާރުއަކީ ކޮބާ ؟ - އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. ބީއެމްއެލް އިން ޑެބިޓް ކާޑުގެ ހިދުމަތް 2000 ވަނަ އަހަރު ތައަރަފުކުރި ފަހުން މިހާތަނަށް ވެސް މި ރޭޓް ދެމެހެއްޓިފައި އޮތީ 2.5 ޕަސެންޓްގެ ސްޓޭންޑަޑް ރޭޓެއްގަ އެވެ. މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރެވެ. މިއީ މިހާރު ބީއެމްއެލްގެ ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ މުހިންމު ބަދަލެކެވެ.

މި ބަދަލާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.

"އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ އެއް ޕަސެންޓަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްއިން ވިޔަފާރިތަކަށް މާޗަންޓް ފެސިލިޓީއެއް

އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތައާރަފުކޮށްފަ އެވެ. ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި އެ މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ލިބޭނެ އެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީ އަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށެވެ.

ފެސިލިޓީ މަސައްކަތް ކުރާ ގޮތް ކުރުކޮށް

  •  ފެސިލިޓީ ދޭނީ ހަ މަސް ދުވަހު ކާޑު ބޭނުންކުރި ވަރަށް ބަލާފަ
  •  މިއީ ރަހުނަނާ ނުލައި ދޫކުރާ ފެސިލީޓީއެއް
  •  ވިޔަފާރިއަށް ބަލައި އެއް މިލިއަނާ ހަމަށް ނެގޭނެ
  •  ފައިސާ ދައްކަން ވިޔަފާރިއަށް ބަލައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ

މިމަހު 11 އިން ފެށިގެން ކާޑަ ލިމިޓު 1،000 ޑޮލަރަށް

ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ މި ބަދަލުތަކުގެ އިތުރުން، ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުކޮށްފައެ ވެ. ކާޑު މެޝިނުން ކުރާ މުއާމަލާތުތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުކޮށްފައިވާއިރު، މި ބަދަލަށް އަމަލުކުރަން ފަށާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. 

އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުން ކުރަން ފެށޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.