މި ހިދުމަތާއި ހަނިމާދޫން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ދޫކުރާ 500 ޑޮލަރު މި ކައުންޓަރުން ދޫކުތަމުން ގެންދާނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
މި ހިދުމަތްތައް ފައްޓަވައިދެއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރައްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާއިއެކު ޑޮލަރު އޭޓީއެމްވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުން ވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން އަހުމިއްޔަތު ދޭކަމެއް ކަން،" ސީއީއޯ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލް އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.