އެގޮތުން، އެހެން ގައުމުތަކުން ބޭނުން ނުކުރާ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތަށް ސައުދީން ކުރިއަށް ގެންދާ އިނިޝިއޭޓިވްގެ ދަށުން ރާއްޖެއަށް އެ ފުރުސަތު ހޯދަން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާއިން އެހެން ގައުމުތަކަށް ދީފައި ހުންނަ ހައްޖު ކޯޓާގެ ތެރެއިން، އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ ރާއްޖެއަށް ދިނުމާމެދު މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަދި ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާނު އައްރަބީއާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާތައް ކުރައްވާފައި ވަނީ މިނިސްޓަރު ޝަހީމް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާތައް، ކޮޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން، އެހެން ގައުމުތަކުން ބޭނުން ނުކުރާ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތަށް ސައުދީން ކުރިއަށް ގެންދާ އިނިޝިއޭޓިވްގެ ދަށުން ރާއްޖެއަށް އެ ފުރުސަތު ހޯދަން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ރާއްޖެއާއި ސައުދީއާ ދެމެދު ހައްޖުގެ ހިދުމަތާ ބެހޭ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ޙައްޖުގެ ހިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ރާއްޖެއިން ޖައްޖުގެ ހިދުމަތްދޭ ކުންފުނިން ހިދުމަތް ދޭންޖެހޭނެ ގޮތާއި، ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމު ކުރުން ފަދަ ކަންކަން ބަޔާންކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.