ކޮމެޓީން ބުނި ގޮތުން ބޮޑު ދަރަނީގެ ތެރޭން އަންނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ތެރޭން 450 މިލިއަން ޑޮލަރު ރީފައިނޭންސް ކުރަން ވަނީ ނިންމާފަ އެވެ. އަދި ބާކީ ހުރި 100 މިލިއަން ޑޮލަރު ދައްކަނީ ޕޮޓެންޝަން ފައިނޭންސިން ޕާޓަރުންގެ އަތުން ހޯދުމެވެ

ރާއްޖޭގެ ތާރީހުގައި ބޭރަށް ދައްކާ ބޮޑު ދަރަނި އަންނަ އަހަރު ސަރުކާރުން ދައްކަން ނިންމާފައިވާއިރު، އެކަމާ ބެހޭ ޕްލޭންތައް ފިނޭންސުގައި ހުރިކަން ފާހަގަވިކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާ ބެހޭ އޮޑިޓަ ޖެނެރަލް އޮފީހުން ތައްޔާރު ކުރި ރިޕޯޓުގައިވާ ގޮތުން އެ ކޮމެޓީން އެންމެ ބޮޑަށް ބެލި އެއް ކަމަކީ އަންނަ އަހަރު 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކާއިރު، އެކަން ކުރުމާ ބެހޭ ޕްލޭންތައް ފިނޭންސުގައި ހުރިތޯ އެވެ. އެގޮތުން ބެލި ބެލުމުން އެ ޕްލޭންތައް ހުރިކަން އެ ކޮމެޓީން ފާހަގަ ކޮށްފައިވެ އެވެ.
އެ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ބޮޑު ދަރަނީގެ ތެރޭން އަންނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ތެރޭން 450 މިލިއަން ޑޮލަރު ރީފައިނޭންސް ކުރަން ވަނީ ނިންމާފަ އެވެ. އަދި ބާކީ ހުރި 100 މިލިއަން ޑޮލަރު ދައްކަނީ ޕޮޓެންޝަން ފައިނޭންސިން ޕާޓަރުންގެ އަތުން ހޯދާ ފައިސާއިންނެވެ.
"މީގެ ޑީޓެއިލް ޕްލޭސްމަންޓްތައް ހުރިކަން ފާހަގަވޭ،" ކޮމެޓީގައި އޮޑިޓް އޮފީހުން ބުނެފައިވެެ އެވެ.
މި ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވި ގޮތުގައި 600 މިލިއަން ޑޮލަރު ދައްކަން ޖެހޭކަން ދުރާލާ އެނގޭ ކަމަށާ ސޮވްރިން ޑިވްލޮޕްމަންޓ ފަންޑް (އެސްޑީއެފް) ހަދާފައިވަނީ ވެސް އެހެންވެ އެވެ. ނަމަވެސް އެ ފަންޑަށް ޖަމާވާ ފައިސާ ސަރުކާރުތަކުން ނަގަމުން މާރު ކުރަމުން ދިޔަ ކަމަށެވެ. މިހާރުގެ ހާލަތަށް އައުމުގެ މައިގަނޑު ސަބަބަކީ މިއީކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.
އޮޑިޓަ ޖެނެރަލް ވެސް ވަނީ ސަރުކާރުން ބޮޑު ދަރަނި ދައްކަން މިހާރު އެކުލަވާލާފައިވާ ޕްލޭން ރިއަލިސްޓިކް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އަބަދުވެސް ކިރިޔަ ކިރިޔާ ވާވަރަށް މިކަންކަން ކުރަނީ ދުރާލާ ތައްޔާރު ވެގެން ދިޔައީމަ އުސޫލެއްގެ ގޮތުން ކަންކަން ރަނގަޅުވާނީ،" ނިޔާޒީ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބޮޑު ހަރަދު - އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.