މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އެއާޕޯޓް ނުހުޅުވިނަމަވެސް ސަރުކާރުން ވަނީ ލޯނު ދައްކަން ފަށާފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މިރޭ ހުޅުވުމާ ދިމާކޮށް ކުލަގަދަ ރަސްމިއްޔާތެއް އެ ރަށުގައި އޮންނާނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއައިއޭ) ހިންގާ، މައި ވައިގެ ބަނދަރު ވީއައިއޭ ހިންގާ އެމްއޭސީއެލް ކުންފުނިން ދަނީ ހަނިމާދޫގައި މިރޭ ކުލަގަދަ ހަފުލާއެއް ބާއްވަން ތައްޔާރުވަމުންނެވެ. މި ހަފުލާ ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މި ހަފުލާގެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.
ހަނިމާދޫގައި މިރޭ އޮންނަ ކުލަގަދަ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމާއެކު ހަވާ އެރުވުންވެސް އޮންނާނެ އެވެ. އަދި މި ރަސްމިއްޔާތުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ ބޯޓެއް ޖައްސާނެ އެވެ. މިއީ ހަނިމާދޫގެ ތާރީހުގައި ޖައްސާ މިވަރުގެ ބޯޓެވެ. އަދި މިއީ މާފަރު އިންޓަނޭޝަނަލް އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އޭ320 މަރުކާގެ ބޯޓެއް ޖައްސާ ތިންވަނަ އެއާޕޯޓެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ފެށިި މި މަޝްރޫ އަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޓިޓް ލައިންގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުން ހިންގާ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަން ވަނީ ގާއިމްކޮށްފަ އެވެ. މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މާޗް 2025 ގެ ނިޔަލަށެވެ.
ތިލަދުންމަތީގައި މިހާރު ހަދަމުން ގެންދާ މި އެއާޕޯޓަކީ މިހާރު ރާއްޖޭގައި ހިނގާ އެންމެ ފާސްޓް މަޝްރޫއު އެވެ. މި މަޝްރޫއަކީ މާލޭން ބޭރުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މި މަަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ޖައްސައި ފުރޭ ގޮތަށެވެ. މިތަން ނިމުމުން އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް ދެވޭނެ އެވެ.