އެ ގަރާރުގައި ސަލީމް ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ނުލައި ދެވޭނެހެން މާލިއްތު ގާނޫނަށް ގެނައި ބަދަލު މާލިއްޔަތު ގާނޫނާއި ހިލާފެވެ.

ގައުމީ ތަރައްގީގެ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކާ 200 އަށް ވުރެ ގިނަ މަޝްރޫއު ހަވާލުކުރުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ކޯޓަށް ދާން ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ތަރައްގީގެ 206 މަޝްރޫއެއް 53 ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ. އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއްގައި ސޮއިކުރުމުގެ ރެކޯޑެއް ގާއިމުކޮށްފައިވާއިރު، ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ހިންގާ މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި މި މައްސަލާގައި ކޯޓަށް ދިޔުމަށާއި މިކަމާއި ގުޅިގެން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން އަމަލުކުރާނެ ގޮތްތައް ހިމެނޭ ގަރާރެއް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް އެވެ.
އެ ގަރާރުގައި ސަލީމް ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ނުލައި ދެވޭނެހެން މާލިއްތު ގާނޫނަށް ގެނައި ބަދަލު މާލިއްޔަތު ގާނޫނާއި ހިލާފެވެ.
މީގެ އިތުރުން، މި މަޝްރޫއުތައް އިއުލާނު ނުކުރުމާއި އެ މަސައްކަތް ހަވާލުކުރި ސަރުކާރާއި ސަރުކާރުގެ ވެރިންނާއި ގުޅުންހުރި ކުންފުނިތައް ފިޔަވައި އެހެން ބަޔަކަށް ފުރުސަތު ނުދިނުން އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކާއި އުވާލުމުގެ މަރުހަލާގައިވަ ކުންފުނިތަކަށް މަޝްރޫއުތައް ދިނުން އެ ގަރާރުގައި ހިމަނާފައިވެ އެވެ.
އެ ގަރާރު ގައުމީ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.