ޑްރޯން އޮޕަރޭޝަނުގައި އަތުލައިގަތީ ޑްރަގު ގެންދިޔަ ލަންކާގެ މަސްބޯޓެއް

އެމްއެންޑީއެފުން އިއްޔެ އަތުލައިގަތް ބޯޓަކީ 300 ކިލޯގެ ހެރޮއިން އާއި ކްރިސްޓަލް މެތު ހިފައިގެން ދަތުރުކުރަމުންދިޔަ ލަންކާގެ މަސްބޯޓެކެވެ.

މިމަހުގެ ފަސް ވަނަ ދުވަހުގެ ތެރޭ ސިފައިންގެ ވައިގެ ބާރުން މި އޮޕަރޭޝަން ހިންގައި ދެ ބޯޓެއް ވަނީ އަތުލައިގެންފަ -- ފޮޓޯ : ސިފައިން

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބަލަހައްޓަން ގެނައި ޒަމާނީ ޑްރޯންތައް ބޭނުންކޮށްގެން ވ. ފޮއްތެޔޮ މުލި ބޭރުން އިއްޔެ އަތުލައިގެންފައިވަނީ، ގިނަ އަދަދެއްގެ މަސްތަވާތަކެތި ހިފައިގެން ދަތުރުކުރި އަވަށްޓެރި ސްރީލަންކާގެ މަސްބޯޓެއް ކަމަށް ބުނެފި އެވެ. 

އެއެންޑީއެފް އިން އިއްޔެ ބުނީ އެމްއެންޑީއެފް އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ދިވެހިންގެ އެއާކޯއިން ރޭގަނޑު މި އޮޕަރޭޝަން ހިންގާފައިވަނީ ވ.ފޮއްތެޔޮ މުލީގެ އިރުން 137 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 253 ކިލޯމީޓަރު) ބޭރުންނެވެ.

ނަމަވެސް، އެ ބޯޓާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އިއްޔެ ދީފައެއް ނުވެ އެވެ.

ލަންކާގެ ނޫހެއްގައި މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމްއެންޑީއެފުން އިއްޔެ އަތުލައިގަތް ބޯޓަކީ 300 ކިލޯގެ ހެރޮއިން އާއި ކްރިސްޓަލް މެތު ހިފައިގެން ދަތުރުކުރަމުންދިޔަ ލަންކާގެ މަސްބޯޓެކެވެ.

އެ ބޯޓުގައި ހަ މަސްވެރިން ތިބި ކަމަށާއި، އެ މީހުން ވެސް އެންއެންޑީއެފުގެ ބެލުމުގެ ދަށުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. 

އެ ބޯޓު އަތުލައިގަތީ، ލަންކާގެ ނޭވީއިން އެމްއެންޑީއެފަށް ފޯރުކޮށްދިން މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.