ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއުގެ ތެރޭގައި، ހިރިމަރަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރަން ވަނީ ހަވާލުކޮށްފަ އެވެ.

އާބާދީ މަދުކަމުން އެހެން ރަށަކަށް މީހުން ބަދަލުކުރަން ނިންމާފައިވަނިކޮށް، ހދ. ހިރިމަދޫގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ހަވާލުކޮށްފައި ވަނީ އެރަށުގައި އަދި މީހުން ދިރިއުޅޭތީ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއުގެ ތެރޭގައި، ހިރިމަރަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރަން ވަނީ ހަވާލުކޮށްފަ އެވެ.
"ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 4.1 މިލިއަން ރުފިޔާއަށެވެ.
އެކަމާ ގުޅޭގޮތުގައި ސަރުކާރުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައި ވަނީ އެރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު، އެރަށުގައި ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށެވެ.
މިދިޔަ އޮގަސްޓް 24 ވަނަ ދުވަހު އެރަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެރަށު ރައްޔިތުން، އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެރަށު ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ވެސް ދޭނެ ކަމަށާއި އެގޮތުން، ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ގޯއްޗެއްދެއްވައި، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެއެއް އަޅުއްވައި ނިންމާނެ ކަމަށެވެ.
އެ ޖަލްސާގައި ހަނިމާދޫއަށް ހިޖުރަކުރާ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގެވުމާއި، މުނިސިޕަލް ހިދުމަތްތައް ގާއިމްކުރެއްވުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ވިދާޅުވީ ހަނިމާދޫގައި ކޮންމެ ގޯއްޗަކަށް ގެއެއް އަޅުއްވައިދެއްވާއިރު، އެރަށަށް ބަދަލުވާމީހުންގެ ގޯތި ތަކުގެތެރޭގައި މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައި ދޭ ގޯތިތަކުގައިވެސް ގެ އަޅުއްވައިދެއްވާނެ ކަމަށެވެ.
ހިރިމަރަދޫގެ ރަޖިސްޓްރީގައި އޮތީ 584 މީހުންނެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ނެގި ބޯހިމެނުމުން އެނގޭ ގޮތުގައި، އެރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އޭގެ ތެރެއިން ދިވެހިންނަކީ 260 މީހުންނެވެ. މިއީ ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ރަށެވެ.