ބަންޑުން ޖަހައިލި ކޮޅުވެއްޓީގެ ކެޕްޓަނަކަށް ކުރީ ލައިސަންސް ނެތް ނާގާބިލު މީހެއް: އެމްޕީއެލް

އެމްޕީއެލް އިން ބުނީ އެ ތަހުގީގަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރަމުންދާ ކަމަށެވެ. އެގޮތުން، ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށްފައިވާ ކަމަށެވެ.

ކޮޅުވެއްޓި އެކްސްކަވޭޓަރުތަކާއެކު ފޮރޮޅާލަނީ

އެކްސްކެވޭޓަރުތަކެއް އަރުވަން އުޅެނިކޮށް މިދިޔަ އާދީއްތަ ދުވަހު އެމްޕީއެލް ބަނދަރު ސަރަހައްދުން ބަންޑުން ޖަހައިލި ކޮޅުވެއްޓީގެ ކެޕްޓަނަކަށް ހުރީ ލައިސަންސް ނެތް އަދި ނިޔަމިކަމުގެ ސެޓްފިކެޓެއް ވެސް ނެތް މީހެއް ކަމަށް އެ ކުންފުނިން ހިންގި ތަހުގީގުން ހާމަވެއްޖެ އެވެ.

ދެ  އެކްސްކެވޭޓަރު އަރުވަން އުޅެނިކޮށް ކޮޅުވެއްޓި ފުރޮޅާލި މި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ވަނީ މަރުވެފަ އެވެ. އެއީ ބަންގްލަދޭޝަށް ނިސްބަތްވާ، މައުސޫދު ހޮސައިން 32، އާއި ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އެވެ.

މާލެ ވިޔަފާރި ބަނދަރުގެ ބޭރުގައި އޮތް ބޯޓަކުން ދެ އެކްސްކަވޭޓަރު ކޮޅުވެއްޓިއަކަށް އަރުވަން މަސައްކަތް ކުރީ ލޮޖިސްޓިކް ހިދުމަތްދޭ ކުންފުނެއް ކަމަށްވާ އައި އެންޑް ސީ ޕްރައިވެޓް ލިމިޓެޑު ކުންފުނިންނެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލް އިން ހިންގި އެތެރޭގެ ތަހުގީގަށް ހޯދިފައި ހުރި ކަންކަން ވަނީ ހިއްސާކޮށްފަ އެވެ. 

ތަހުގީގަށް ފާހަގަވި ކަންކަން

  • 1.މި އޮޕަރޭޝަންގައި ދެ އެކްސްކެވޭޓާ އެރުވުމަށް މުދާ އެތެރެކުރި ފަރާތުން ހަމަޖެއްސި ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން. ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
  • 2.ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.
  • 3.ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން، ކަށަވަރު ކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަނަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އެކްސްކެވޭޓަރުތައް ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު، ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަން.
  • 4.އެކަމަކު މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ކެޕްޓަންގެ އެދުމުގެ މަތިން އުޅަނދުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ އޭތި ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން.

ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އެ މުވައްޒަފުން އެވަގުތު އެ އުޅަނދުގައި ތިބެން މެެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ކޮޅުވެއްޓި ގިރާކޮށްގެން ކަމަށް އެމްޕީއެލް އިން ބުންޏެވެ.

"މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ މި ކުންފުނިން އަމަލުކުރަމުންދާ ގަވައިދުތަކާއި އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މި އުސޫލު މުރާޖާކޮށް، މިހާރު ވަނީ ބަދަލުކުރެވިފައި،" އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ އެ ތަހުގީގަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރަމުންދާ ކަމަށެވެ. އެގޮތުން، ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ހާއްސަ އޮޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމުގެ އިތުރުން، ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރުން ހިމެނެ އެވެ.

"ލޭންޑިން ކްރާފްޓަށް 02 އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް މި ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރަން،" އެމްޕީއެލް އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.