ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ހިންގާ މި މަޝްރޫއުތަކަށް ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ކުރިމަތިވާނެކަމުގެ ޔަގީން އެ މަނިކުފާނު ދެއްވި

ގައުމީ ތަރައްގީގެ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކުރި މަޝްރޫއުތައް ހިންގާއިރު، އެ ކުންފުނިތަކަށް ފައިސާ ދިނުމުގައި އެއްވެސް ތާށިކަމެއް ނާންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ބަސެލޯސް ނަސަންދުގެ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ތަރައްގީގެ 206 މަޝްރޫއެއް 53 ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ. އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއްގައި ސޮއިކުރުމުގެ ރެކޯޑެއް ގާއިމުކޮށްފައިވާއިރު، ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ހިންގާ މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުތައް ހިންގުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ފުޅާވެ، އާ ދިރުމެއް އަންނާނެ ކަމަށާއި، ހާއްސަކޮށް އިމާރާތް ކުރުމުގެ ދާއިރާ މިކަމުގެ ހެޔޮ އަސަރެއް ކުރާނެ ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ހިންގާ މި މަޝްރޫއުތަކަށް ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ކުރިމަތިވާނެކަމުގެ ޔަގީން އެ މަނިކުފާނު ދެއްވި އެވެ.
"އެއްވެސް ކަހަލަ ޕޭމަންޓުގެ ފައިސާ ލިބުމުގައި އެއްވެސް ކަހަލަ ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި މި ސޮއިކުރެވިގެން ދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ އަންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ. މަސައްކަތްތައް ބަރާބަރަށް އެގްރީމަންޓުގައިވާ ގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ޖުމްލަ 53 ކުންފުންޏަކާ މިއަދު މަޝްރޫއުތައް ހަވާލުކުރެވިފައިވާއިރު، މި ކުންފުނިތައް ހިޔާރުކުރީ، އެ ކުންފުނިތަކުގެ މަސައްކަތުގެ އަދި މާލީ ގާބިލުކަން ސަރުކާރުން ކަށަވަރުކޮށްފައި ކަމަށް އެ މަނިކުފާނު ހާމަކުރެއްވި އެވެ.
މިގޮތުން، މި ހުރިހާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ގާތްގަނޑަކަށް 21 ދުވަހުގެ ތެރޭގައި ފަށަންޖެހޭ ގޮތަށް އެއްބަސްވުންތައް ފަރުމާކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.