"މިއީ ކުދި ފިޔަފާރިތައް ބާރުވެރިކޮށް، ކޮޅަން ޖަހަން ކުރެވޭ މަސައްކަތެއް"

"މީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް،"

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު --

އިގްތިސޯދު ބާރަށް ހިންގުމުގެ ގޮތުން އަމިއްލަ 50 އަށްވުރެ ގިނަ ކުންފުންޏާ މިއަދު ގިނަ މަޝްރޫއުތަކެއް ހަވާލުކުރީ އެކުންފުނިތައް ބާރުވެރިކުރުވައި، ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ބަސެލޯސް ނަސަންދުގެ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ތަރައްގީގެ 206 މަޝްރޫއެއް 53 ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ. މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުން މި މަޝްރޫއުތައް ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށެވެ. އޭގެ ސަބަބުން ބޭންކުތަކުން ފައިނޭސިން ލިބި، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަވަސް މިނެއްގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މި މަޝްރޫއުތައް ކުދި އަދި މެދުފަންތީގެ ކުންފުނިތަކާ ހަވާލުކުރުމުގެ މައިގަނޑު މުގާބިލަކީ ދިވެހި ބޭންކިން ސެކްޓަރަށް ވެސް ދިވެހި ވިޔަފާރިތަކާ މިހާރަށް ވުރެ ރައްޓެހި، ފަހި ދާއިރާއަކަށް ހެދުން ކަމަށެވެ.

"މީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް. މިއަދު މި ސޮއިކުރެވޭ ކޮންޓްރެކްޓްތައް މެދުވެރިކޮށް ވެސް ސަރުކާރުގެ އަމާޒަކީ ދިވެހި ކުންފުނިތައް މިހާރަށްވުރެ ބާރުވެރިކޮށް، ހާއްސަކޮށް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ދިވެހި ކުދި އަދި މެދުފަންތީގެ ކޮޅަށްޖަހައި، އާ އުސްމިންތަކަކަށް ގެންދިއުން،" ޒަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް އަދި ދައުލަތުގެ އިސްވެރިން --

އޭގެ އިތުރުން، ރާއްޖޭގެ ރިއަލް އެސްޓޭޓު މާކެޓުގެ ބޮޑު ހިއްސާއެއް މިހާރު އޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި ކަމަށާއި، މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ގިނަ ވިޔަފާރިތަކަށް މާލީ މަންފާ ލިބި، ޒުވާން އަދި ތަޖުރިބާކާރު ޓެކްނިކަލް މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ރިއަލް އެސްޓޭޓު މާކެޓުގެ ބޮޑު ހިއްސާއެއް މިއޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި. އެބައިމީހުން އެ ދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ހުރި ފައިނޭންސް މެދުވެރިކޮށް ދިވެހިންނަށް ރިއަލް އެސްޓޭޓު އެސެޓުތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށްގެން ރާއްޖޭގެ މާލީ ނިޒާމުން ބާރުމިނުގައި ފައިސާ ބޭރު ކުރަމުން،" ޒަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިތުރަށް މި މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން މައިގަނޑު ހަތަރު އަމާޒެއް ހާސިލު ކުރަން ބޭނުންވާ ކަމަށެވެ. އޭގެތެރޭގައި، މަޝްރޫއުތަކުގެ ދެމެހެއްޓެނިވި ކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި، ކުންފުނިތަކަށް ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ގާއިމްކޮށް، ސަރުކާރު މުއައްސަސާތަކުން މަޝްރޫއުތަކުގެ ހިންގުން ވަޒަން ކުރާނެކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.