ސަރުކާރުން ވަނީ ހަންކެޑެގައި ރިއަލްއެސްޓޭޓް ޓޫރިޒަމް މަޝްރޫއެއް ފަށަން ނިންމާފަ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ 1،000 އެނދާއެކު ޖުމުލަ 3،000 އެނދު ތަރައްގީ ކުރާނެ އެވެ.

އައްޑު އަތޮޅުގައި ޒަމާންވެ ނުހިންގި ގޮތް، ހަންކެޑެގައި ރިއަލްއެސްޓޭޓް ޓޫރިޒަމް މަޝްރޫއެއް ފަށަން ތުރުކީގެ ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.
އައްޑުއަށް ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ރޭ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ހަންކެޑޭގައި ރިސޯޓު ތަރައްގީ ކުރަން ހުޅުވާލުމުން ތުރުކީގެ ކުންފުންޏަކުން ވަނީ ކުރިމަތިލާފަ އެވެ. އެހެންވެ އެ ކުންފުނީގެ ޕްރޮޕޯސަލް އިވޭލުއޭޓް ކުރުމަށްފަހު އެވޯޑްލެޓާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. ފުރަތަމަ ދައުލަަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާއެކު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނެ އެވެ.
"ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ފުރަތަމަ ފިޔަވަހީގައި 1،000 އެނދުގެ އިންޓަގްރޭޓް ޓޫރިޒަމް މަޝްރޫއެއް ހިންގަން. މި މަޝްރޫއުގައި ޖުމްލަ 3،000 އެނދު ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ހަންކެޑެ މަޝްރޫއު ކުރިން ކުރިއަށް ނުދިޔަ ސަބަބުވެސް ވިދާޅުވެ ދެއްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ކުރިން ކުރިއަށް ނުދިޔައީ ފައިސާ ހަމަނުޖެހި ލަސްވުމުންނެވެ. އަދި އެކަނަށް އަހަރެއްހާ ދުވަހު ބެލިކަން ފާހަގަ ކުރެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުމުގައި ވަނީ ޝަންގް-ރިއްލާ ރިސޯޓް ހުޅުވަން ކުރަމުން ގެންދާ މަސައްކަތްވެސް ބައްލަވާލާފަ އެވެ. އެ ކުންފުނިން މި އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް އެތަން ހުޅުވޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުުއިއްޒު ވިދާޅުވި އެވެ.
"އެ ބޭފުޅުން [ޝަންގްރިއް- ލާ ] އިން ވަނީ ޕްރެޒެންޓޭޝަނެއް ވެސް ދެއްވާފަ. އަދި ރިސޯޓުގެ ޓުއާއެއްވެސް ދެއްވާފަ. ވަރަށް ޔަގީންކަން ދެއްވާ ހުޅުވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން ޓޫރިޒަމް އުފައްދަން ތަރައްގީ ކުރި އެމްޓީޑީސީ ކުންފުންޏަށް އައްޑޫގައި އައްސޭރި ޓޫރިޒަމް މަޝްރޫއުގެ ދަށުން 600 އެނދު އަޅަންވެސް ވަނީ ހަވާލު ކޮށްފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ހުރިހާ މަސައްކަތް ތަކާއެކު އައްޑޫގައި ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ އެވެ.

ހަންކެޑެގައި ކުރީ ސަރުކާރުން ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްއޫއެއް ހިންގަން ނިންމާފަ އެވެ. އެގޮތުން ޗައިނާ އެގްޒިމް ލޯނެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީއީސީ) ކުންފުންޏާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަން 20237 ލޯނު ފެސިލިޓީ އެއްބަސްވުންތަކުގައި ސޮއިވެސް ކުރި އެވެ. އަދި 2024 ވަނަ އަހަރު ފިއުޗާ ހޮސްޕިޓަލިޓީ ސަމިޓް ވޯލްޑްގައި ގްލޯބަލް ޝޯކޭސްކޮށް މި ޕްރޮޖެކްޓް ލޯންޗުވެސް ކުރި އެވެ. ކުރީ ސަރުކާރުން ހަލާލް ޓޫރިޒަމަަށް ހުޅުވާލަން ނިންމި ދޮންހެރައަކީ ސ. މީދޫ ފަޅުތެރޭގައި އޮންނަ 12 ހެކްޓަރުގެ ރަށެވެ. އެތަން ހިއްކާފައިވަނީ ޓޫރިޒަމް ތަރައްގީ ކުރާށެވެ.
މި ސަރުކާރުން ގެނައި ބަދަލު - ހަންކެޑެ މަޝްރޫއަށް ގެންނަ ބަދަލާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުމެވެ. އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް މިވުޒާރާގެ ފަރާތުން ބީލަމަށްލާނެ އެވެ.
ހަންކެޑެ އިންޓަގްރޭޑެ ޓޫރިޒަމް މަޝްރޫއަކީ 143 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަކީ 1041 ކޮޓަރީގެ 2082 އެނދު ހިމެނެ އެވެ. މި މަޝްރޫއު ހިންގަނީ 9.6 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެންނެވެ. މަޝްރޫއުން 2،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވޭނެ އެވެ.
ޝަންގްރިއް- ލާ ކުންފުނިން އައްޑޫގައި ހިންގައި އަދި ހުއްޓިފައިވާ ރިސޯޓް އަލުން ހުޅުވަން ނިންމިކަން ސަރުކާރުން އިއުލާނުކުރީ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު އެވެ.
ޓޫރިޒަމާއި ތިމާވެށި އެއްކޮށް ބަލަހައްޓަވާ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ ޝަންގްރިއް- ލާގެ ވެރިންނާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޑިސެމްބަރު 31 ގައި އެ ރިސޯޓް އޮޕަރޭޝަނަށް ގެންނަން އެއްބަސްވެފައިވާ ކަމަށެވެ.
ސަރުކާރުން ވަނީ ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ހުޅުވިދާނެ ފުރުސަތަކަށް ބަލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޝަންގްރިއް-ލާގައި އޮތް ސަރުކާރުގެ ހިއްސާވެސް ދޫކޮށްލި އެވެ.
ޝަންގްރިއް-ލާ ހުޅުވަން ގިނަ އަޑު ތަކެއް ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް އިއްވި އެވެ. ރައްޔިތުންގެ މަޖިލީހުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް ގަވާއިދުތައް ބަދަލު ކޮށްގެން އެކަންކަން ހިންގާލުމުން ހީވީ ދެންމެ ޝަންގްރިއް-ލާ ހިނގައިގެންފާނެހެނެވެ. އެކަމަކު އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލީ މިދިޔަ އަހަރުގެ އޯގަސްޓް 28 ގަ އެވެ.

އައްޑޫ ރައްޔިތުން އެދެމުން ދިޔައީ ގާވެފައި އޮތް އައްޑޫގެ އެންމެ ބޮޑު އެސްޓް ޝަންގްރިއްލާ ހުޅުވޭނެ ގޮތެއް ހަދައިދިނުމެވެ. ޝަންގްރިއް-ލާގައި އޮތީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އެވެ. އަދި ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ކުންފުނީގަ އެވެ. ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއް-ލާއާއި ގުޅިގެން އައްޑޫ ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. އެކަމު ހިނގަމުން ނުހިނގަމުން ދިޔަ ރިސޯޓުގައި މަރުތަޅު އެޅުވުނީ ކޮވިޑާ ގުޅިގެނެވެ. އެޅުވުނު އެ ތަޅު ނައްޓަން ހިފި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ އެތައް ކަމެއް ބޮނޑިވެ އެކަންކަން އޮތީ ނުވެފަ އެވެ. މި ލިސްޓު އައްޑޫ އެއާޕޯޓުން ފެށިގެން ގައުމީ އެއާލައިންއިން ދޭން ޖެހޭ ހުވަދޫ އައްޑޫ ކަނެކްޝަނާ ހަމައިން ވެސް ނުނިމެނެ އެވެ. މި ސަބަބުތަކާހުރެ ޝަންގްރިއްލާ ވިލިނގިލި 2005 ގައި ހުޅުވިފަހުން ހިންގީ ގެއްލުމުގަ އެވެ.
ޝަންގްރިއް-ލާ ރިސޯޓް ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.މިދިޔަ އަހަރުގެ ކުރީކޮޅު އޮޕަރޭޝަނަށް ގެންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.