"އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމު ކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމުގެ ޔަގީންކަން ތިޔަ ލޮބިވެތި ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައި އޮތް ކަރަންޓު މައްސަލަ ހައްލު ކުރުމަށް 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމް ކުރުމުގެ ބިޔަ ބޮޑު މަޝްރޫއުއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އައްޑޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓުގެ މައްސަލަކަން ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އެ ސިޓީގައި މިހާރު 15 މެގަވޮޓްގެ ކަރަންޓު ބޭނުން ކުރަން ޖެހޭއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ވަކިން ކަރަންޓު ފޯރުކޮށްދޭން ގޮތެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
"މިހުރިހާ ކަމަކަށް ވިސްނާއިރު، މި ސިޓީ ކުރިއެރުވުމުގަ ކުރަން ހުރި ކަންކަމަށް ވިސްނާއިރުގަ ވެސް ދާއިމީ ވަށައިޖެހޭ ހައްލެއް މިކަމަށް އަންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާ އެ ބިޔަ މަޝްރޫއުގެ އިދާރީ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ޖެނެރޭޓަރުތައް އަޕްގްރޭޑް ކުރުމާއި، އިންޖީނުގެ އަޕްގްރޭޑް ކުރުމާއި އަދި މިހާރު ހުރި ސެޓްއަޕުން ވެސް ރަގަޅު ކުރެވެން ހުރި ކަންކަން ރަގަޅު ކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ.
"އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމު ކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމުގެ ޔަގީންކަން ތިޔަ ލޮބިވެތި ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ކަރަންޓުގެ މައްސަލަ ނެގުމަށްފަހު ދެން އައްޑޫ ސިޓީއަށް އޮތް އެންމެ ބޮޑު މައްސަލައަކީ މަގުތަކުގެ މައްސަލަ އެވެ. އެކަން ހައްލުކުރަން މީގެ 22 އަހަރު ކުރިން އަޅާފައިވާ ލިންކު ރޯޑު އަލުން ހެދުމުގެ މަޝްރޫއު މިއަދު ވަނީ ފަށައިފަ އެވެ.
އައްޑޫ ސިޓީގައި ކަރަންޓު ލޯޑު ބޮޑުވެ، ވަރަށް އަވަސް އަވަހަށް ކަރަންޓު ކަނޑަން ޖެހެ އެވެ. އިންޖީނުތަކަށް އެކިއެކި މައްސަލަތައް ދިމާވެ، ލޯޑު ބޮޑުވާ ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހެ އެވެ. އޭގެ ސަބަބުން ރައްޔިތުން އެތައް ތަކުލީފުތަކެއް އުފުލަން ޖެހެ އެވެ.