ދިވެހި ސިފައިންގެ ފުރަތަމަ ވައިގެ މަރުކަޒު ހުޅުވައިފި

ރައީސް މުއިއްޒު ވިދާޅުވީ މި ވައިގެ މަރުކަޒާއެކު ރާއްޖޭގެ ކަނޑާއި ވައިގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ސިފައިންނަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.

ސ. ގަމުގައި ސިފައިންގެ ވައިގެ މަރުކަޒު ރައީސް އިފްތިތާހުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން ނުވަތަ ވައިގެ މަރުކަޒު ސ. ގަމުގައި މިއަދު ހުޅުވައިފި އެވެ. 

އެ މަރުކަޒު އިފްތިތާހުކޮށްދެއްވީ، މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ރާއްޖޭގެ ފުރަތަމަ އަސްކަރީ ވައިގެ މަރުކަޒެއް ގާއިމް ކުރިިއިރު މިދިޔަ އަހަރުގެ މާޗު މަހު ވަނީ އެމްއެންޑީއެފްގެ އެއާ ކޯ އުފައްދައިފަ އެވެ.

އެއާ އެކު، އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް ރައީސްގެ ގަރާރަކުން އެންގެވީ، މިދިޔަ ހޯމަ ދުވަހު ފާހަގަކުރި، ނަސްރުގެ ދުވަހު އެވެ. 

އެމްއެންޑީއެފްއިން ބުނީ އެ މަރުކަޒު ހުރި ސަރަހައްދަކީ ތާރީހީ ގޮތުންނާއި ޖިއޮގްރަފީ އަދި ސްޓްރެޓީޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައި ކަމަށެވެ. އެ މަރުކަޒުގައި ވަނީ 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފަ އެވެ.

އެމްއެންޑީއެފްގެ އެއާކޯގެ ޓީވީޓޫ އެއާ ކްރާފްޓްތައް އުދުހުމަށް ހާއްސަކޮށްފައިވާ އެއާ ސްކޮޑްރަން 2 އެ ވައިގެ މަރުކަޒު ފަރުމާކޮށްފައިވަނީ ކުރިމަގުގައި ސިފައިންގެ ބާރު ފުޅާވަމުންދާ މިންވަރަކަށް ތަރައްގީ ކުރެވޭނެ ގޮތަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ސިފައިންގެ ވައިގެ ހިދުމަތް ފަށައި، ތުރުކީވިލާތުން އަސްކަރީ ތިން ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ މި ވައިގެ މަރުކަޒާއެކު ރާއްޖޭގެ ކަނޑާއި ވައިގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ސިފައިންނަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.

މިގޮތުން، އަސްކަރީ ބާރު ވަރުގަދަކުރުމުން، އިންވެސްޓަރުންގެ އިތުބާރު ލިބި، ރާއްޖޭގެ އިގުތިސާދަށް އެކަމުގެ ކުރިއެރުންތައް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.