ކޮމެޓީން ފާސްކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ބިލު ފާސްކޮށްފައި ވަނީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ 10 މެންބަރުންނެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ހެދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ބިލު ހުށަހެޅި މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގައި ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އެންމެ ބޮޑު އިސްލާހަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކުގެ ބާވަތްތަކަށް ގެންނަ ބަދަލެވެ. އެއީ އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ. އެސްއީޒެޑް ގާނޫނުގައި މިހާރު އޮންނަނީ އިގުތިސޯދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތައް އެކަނި ކަމަށެވެ.
ބިލުގައި، 'ސަސްޓެއިނަބަލް ޓައުންޝިޕް' މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާ އެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
މި ބިލުގައި، ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީ ކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވަލޮޕަރަށް ހުއްދަ ދެވެނީ ގިނަ ޝަރުތުތަކަކާއެކު އެވެ. އޭގެ ތެރޭގައި، އެ ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދަކަށް ވާން ޖެހެ އެވެ. އަދި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އެ ޒޯނުގައި ގާއިމު ކުރަން ޖެހެ އެވެ.
އަދި، ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭޙެން ތަރައްގީކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓް ޒޯނުގައި ގާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި، ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވަލޮޕްމެންޓެއް ޒޯނުގައި ގާއިމް ކުރަން ޖެހެ އެވެ.
މި ބިލު ދިރާސާ ކުރުމަށް އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށް، އެ ރިޕޯޓު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ކޮމެޓީން ފާސްކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ބިލު ފާސްކޮށްފައި ވަނީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ 10 މެންބަރުންނެވެ.