އާޝާން ވިދާޅުވީ ވަގަށް ތެޔޮ ވިއްކާ މައްސަލައިގައި ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ޕައިލެޓް ޕްރޮޖެކްޓް މިހާރު ނިމިފައިވާ ކަމަށެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުން ތެލުން ވައްކަން ކުރާ މައްސަލަތައް ގިނަވެފައިވާތީ، ހުރިހާ ބާޖެއްގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވެއްޖެ އެވެ.
އާޝާން އެހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ. މި ކޮމެޓީ ބައްދަލުވުން ބާއްވާފައި ވަނީ 2018 އިން 2020 އަށް އެމްޕީއެލްއަށް ޑީސެލް ގަތުމުގައި އަމަލުކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމަށްފަހު އެފްއެސްއެމްއަށް ކޮމެޓީން ކުރަން އެންގި ކަންކަމުގެ އަޕްޑޭޓެއް ހޯދުމަށެވެ. ކޮމެޓީން އޭރު އެފްއެސްއެމްއަށް އަންގާފައި ވަނީ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޯޖު (އޭޓީޖީ) ސިސްޓަމް ހަރުކުރުމަށެވެ.
ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ އެމްޑީ އާޝާން ވިދާޅުވީ އެ ސިސްޓަމް ހަރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. ބާޖުތަކަކީ ގަދަ ކަނޑުގައި ދުއްވާ އުޅަނދުތަކަކަށްވާތީ ކުރެވުނު ދިރާސާތަކުން، އެއީ ސްޓޮކް ބެލުމަށް އެންމެ ރަގަޅު ސިސްޓަމް ނޫން ކަމަށާއި، އެކަމަށް ތިންލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އާޝާން ވިދާޅުވީ ވަގަށް ތެޔޮ ވިއްކާ މައްސަލައިގައި ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ޕައިލެޓް ޕްރޮޖެކްޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި، އިއްޔެ ކުންފުނީގެ ބޯޑުން، ހުރިހާ ބާޖެއްގައި ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ތިން ބާޖެއްގައި މޮޑެމް ހަރުކުރަން ނިންމައި، ދެ އުޅަނދެއްގައި ހަރުކޮށްފައިވާ ކަމަށާއި، ހުރިހާ އުޅަނދެއްގައި ޓީސީއެސް މީޓަރު ވެސް މިހާރު ހަރުކޮށްފައިވާ ކަމަށް އާޝާން ވިދާޅުވި އެވެ.
އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަން ކުރި މައްސަލައާ ގުޅިގެން މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ 40 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. ބައެއް މުވައްޒަފުންގެ އެކައުންޓްތަކުގައި އާމްދަނީއާ ނުބައްދަލު ފައިސާ ދައުރުވަމުންދާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ވެސް ފެށި އެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން އާޝާން ވިދާޅުވީ މީގެ ކުރީގައި މުވައްޒަފުން ވައްކަން ކުރުން އިތުރުވެފައި ވަނީ މާބޮޑަށް އަޅާނުލައި، އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކަމަށެވެ. ނަމަވެސް ދެން އެފަދަ ކަމެއް ހިނގާތޯ ވަރަށް ކައިރިން މޮނީޓާކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.