"މުސާރައަށް ގެނެވުނު ބަދަލަކާއެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަގްސަދަކީ" ރައީސް ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުން ހިމެނޭނެން މުސާރަ ބޮޑުކުރާ އަށް ދާއިރާއަށް ގެންނަ ބަދަލުގެ ސަބަބުން، އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވުމަށް އެދިވަޑައިގެންފަ އެވެ.
މުވައްޒަފުންގެ މުސާރަ، މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެއްހަމަ ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށާ، މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ހަގީގީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
މި ބަދަލާއެކު މުވައްޒަފުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި އޮތް އެއް ކަމަކީ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދުގައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މުސާރަ އެއްހަމަކުރުމުގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތުގެ ހުލާސާ މިސާލެއް، ހިއްސާކުރައްވާފަ އެވެ.
އަދި ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން މުވައްޒަފުންނަށް ތަފްސާލުކޮށްދެއްވުމަށް އެ މަނިކުފާނު ވަނީ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފަ އެވެ. ހަމަމިއާއެކު ކުރިމަތިވެދާނެ ހާއްސަ ހާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމެވުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަންވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
"މުސާރައަށް ގެނެވުނު ބަދަލަކާއެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަގްސަދަކީ" ރައީސް ވިދާޅުވި އެވެ.
ނޮވެންބަރު 1 ވަނަ ދުވަހުން ފަށައިގެން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމުގެ ޔަގީންކަންދެއްވާފަ އެވެ.
މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7،000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ހަމަމިއާއެކު، ޕެންޝަން ފަންޑުގެ ބޭނުން ކުރުމަށްވެސް ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެންމެ ފަހުން ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ސަރުކާރުންނެވެ. އެފަހަރު ވަނީ ސްކޫލް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ. މި ފަހަރު ސަރުކާރުން ގެންނަ ބަދަލާއެކު ސްކޫލް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެންމެ އިސް ފަރާތް ކަމަށްވާ ޕްރިންސިޕަލުންނަށް މައިގްރޭޝަން އެލަވަންސް އެއްވެސް ލިބޭނެ އެވެ.