އެމްޕީއެލް އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ޒުވާނުންނަށް ގައުމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު ތިން އަހަރަށް މިއަދު އައުކޮށްފި އެވެ.
ފަހުމުނާމާ އާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއުކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާ އެވެ.
އެމްޕީއެލް އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ޒުވާނުންނަށް ގައުމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ޔޫތު މިނިސްޓްރީގެ ފަރާތުން، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކުރުމުގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްތަކުގެ ކުރިއެރުމާއި ފެންވަރު މޮނިޓަރކުރުން ހިމެނެ އެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓް އެރުވުންވެސް ހިމެނެ އެވެ.
އެމްޕީއެލްއިން ވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ. މި އެއްބަސްވުން އައުކުރުމަކީ ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، ގިނަ ފުރުސަތުތަކެއް ހުޅުވައިދިނުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.