"ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި،" ފުލުހުން ބުންޏެވެ.

ގިނަ އަދަދެއްގެ ޑްރަގު ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް އިއްޔެ ސްރީ ލަންކާ އައްސޭރިން އަތުލައިގަތް އެ ގައުމަށް ނިސްބަތް މަސް ބޯޓަށް އެތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދުން ކަމަށް ކޮށްފައިވާ ރިޕޯޓްތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ސީދޭވީ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ އެ ބޯޓަށް 355 ކިލޯގެ ޑްރަގު ބަރުކޮށްފައި ވަނީ ރާއްޖެ ސަރަހައްދުންނެވެ.
އެ ބޯޓުން ޑްރަގުގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތަމްފެޓަމިން (އައިސް)ގެ 251 ކިލޯ އާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. މިތަކެތީގެ މަގުމަތީ އަގު 5000 މިލިއަން ރުޕީސްއަށް އަރާ ކަމަށް ވެސް އެ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ބޯޓުގެ ވެރިފަރާތުން މަސްވެރިކަން ކުރުމަށް އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކާ ކަމަށެވެ. އެކަމަކު މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން ނޭނގޭ ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
މި މީޑިއާ ރިޕޯޓުތައް ދޮގުކުރަމުން މިއަދު ދިވެހި ފުލުހުން ބުނީ އަތުލައިގަތް ޑްރަގު ބަރުކޮށްފައި ވަނީ ރާއްޖެ ސަރަހައްދުން ނޫން ކަމަށް ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
"ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި،" ފުލުހުން ބުންޏެވެ.
އެ އުޅަނދު އަތުލައިގަތް އިރު އެ އުޅަނދުގައި ތިބި ހަ މަސްވެރިން ލަންކާ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. މި ޑްރަގު ނެޓްވޯކުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ކުރާ މީހާ ވެސް އެ ގައުމުގެ ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީދުބާއީގައި އުޅޭ "ދިނުކާ" ކިޔާ މީހެކެވެ.