އެއްވެ އުޅުމުގެ ގާނޫނުން އެ އަސާސީ ހައްގަށް ހުރަސް އަޅައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް މީކާއީލް ވިދާޅުވެފައިވޭ.

ދުރާލައި ހުއްދަ ނަގައިގެން ނޫނީ މާލޭގެ ވަކި ސަރަހައްދުތަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިލަން، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އުވައިލަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބަކީ، މީކާއިލް ވިދާޅުވެފައިވާ ގޮތުގައި، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ އެވެ.
ނަމަވެސް އެއްވެ އުޅުމުގެ ގާނޫނުން އެ އަސާސީ ހައްގަށް ހުރަސް އަޅައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް މީކާއީލް ވިދާޅުވެފައި ވެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ކުރިން ހުއްދަ ހޯދުމަކައިނުލާ ކޮންމެ މީހަކުމެ، ކޮންމެ ތަނަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިއްބައިދީފައިވިޔަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފަ އެވެ.
މިގޮތުން، މާލޭގައި ކުރިން ހުއްދަ ހޯދުމަކާ ނުލައި، އެއްވެ އުޅުމުގެ ހައްގު ދީފައިވަނީ ވަކި ސަރަހައްދުތަކަށެވެ.
އޭގެފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ގާނޫނަށް އިސްލާހު ގެންނާނެކަމަށް ބުންޏަސް، އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ކޮށްފައެއް ނުވެ އެވެ.
އެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭކަމެއް ކަމަށާއި، އެކަން ކުރާނެކަމުގެ ޔަގީންކަން ބަންޑާރަނައިބު އަހުމަދު އުޝާމް ދާދި ފަހުން ވަނީ ދެއްވައިފަ އެވެ.