މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ވަކިކުރަން ގޮވާލައިފި

ޝަމްހީދު ވިދާޅުވީ، ހުޅުމާލެއަކީ މާލެއާ މުޅިން ތަފާތު ސިފަތަކެއް ހުރި ތަނެއް ކަމަށާއި ލޯކަލް ގަވާނެންސް އަންނަން ޖެހޭނީ އެ ތަނެއްގައި ދިރިއުޅޭ އަދި އެ ތަނެއް ދަންނަ ބައެއްގެ ތެރެއިން ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝަމްހީދު. --ފޮޓޯ: މަޖިލީހުގެ އިދާރާ

މާލެ ސިޓީ ކައުންސިލުގެ އިހްތިސާސުން ހުޅުމާލެ ވަކިކޮށް، ހުޅުމާލެއަށް ވަކި ކައުންސިލެއް އުފައްދަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.

ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ، ހުޅުމާލެއަކީ މާލެއާ މުޅިން ތަފާތު ސިފަތަކެއް ހުރި ތަނެއް ކަމަށާއި ލޯކަލް ގަވާނެންސް އަންނަން ޖެހޭނީ އެ ތަނެއްގައި ދިރިއުޅޭ އަދި އެ ތަނެއް ދަންނަ ބައެއްގެ ތެރެއިން ކަމަށެވެ.

"މިއީ މިނިވަން ވަކި ކައުންސިލަކާ އެކު ހުޅުމާލެ ބާރުވެރި ކުރުވަންވީ ވަގުތު. ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި މިކަން ހިމަނުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެއަށް ވަކި ކައުންސިލެއް އުފައްދަން ޝަމްހީދު ގޮވާލައްވާފައިމިވަނީ، އައްޑޫގެ ތިން ރަށެއް، އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެނޭތޯ ބެލުމަށް މިދިޔަ މަހު ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވަނިކޮށެވެ. 

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ފޭދޫން ބޭނުންވީ ސިޓީ ކައުންސިލްގެ ދަށުގައި ތިބުމަށެވެ. ނަމަވެސް، ފޭދޫ އާ ހިލާފަށް، ހުޅުދޫ އާއި މީދޫއިން ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.

އެއާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ، ހުޅުދޫ އާއި މީދޫ ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ދެ ރަށުގެ ވަކި ކައުންސިލެއް އުފައްދަން ގަރާރެއް ނެރުއްވައިފަ އެވެ. 

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.

އަދި އެ އިންތިހާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިހާބުކުރުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.