ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނިފޯމް އަޅައިގެން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ނޭނގި ތިއްބައި ނުވަތަ ގާފިލުވެ ތިއްބައި ގައުމުގެ މިނިވަންކަން ނިގުޅިގެން ހިނގައިދާނެ ކަމަށާއި، ކޮންމެ ރައްޔިތަކުގެ ވެސް މިގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތްކަން ދެކިގެން ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހު މީގެ ކުރިން ދުށްފަދަ، ގައުމަށްޓަކައި ގުރުބާންވާން ތިބި ބަޔަކު އުފެއްދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނިފޯމް އަޅައިގެން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ދުނިޔެއަކީ ބަވަނަވަމުން އަންނަ ތަނެއް ކަމަށާއި، ކުރީގައި ގައުމުތަކުގެ މިނިވަންކަން ނަގާލަން ކަނޑިއާއި ބަޑި ނުވަތަ ހަތިޔާރު ބޭނުން ކުރި ނަމަވެސް މިހާރު އެކަން ކުރަނީ އެގޮތަށް ނޫން ކަމަށެވެ.
"މިއަދު މި ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ އަޅުގަނޑުމެން ގާފިލްވެ ތިއްބައި، ނޭންގި ތިއްބައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ އެހެން އެއްވެސް ގައުމެއްގައި ނެތް ހާއްސަ ސިފަތަކެއް ލިބިގެންވާ ގައުމެއް ކަމަށާއި، ގައުމުގެ އެއްބައެއްވަންތަކަން ހިމާޔަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމަށެވެ.
"އަޅުގަނޑުމެން އަތްމަތީގަ މިއޮތް މިނިވަންކަން ހުރިހާ ނަޒަރިއްޔާތަކުން ވެސް އަތުން ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް، އެކަމަށްޓަކައި އަޅުގަނޑުމެން ނުވިސްނާ ތިބެއްޖެނަމަ. އެހެންވީމާ މިއަދު އަޅުގަނޑު މައިގަނޑު ގޮތެއްގައި ދަންނަވަން ބޭނުންވާ އެއްވާހަކައަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ފަހުރެއްކަން އަދި ޒިންމާއެއް ކަމުގަ ދެކިވަޑައިގަންނަވާށޭ ތިމަންނަގެ ފަރާތުން ވެސް މިގައުމުގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތްކަމާއި، އެކަން ކުރެވޭނެކަމާ، ކުރަން ޖެހޭނެކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކަށް ތަމްރީނުތަކާއި ހަތިޔާރު ނުދެވޭނެ ކަމަށެވެ. ނަމަވެސް ކޮންމެ މީހަށް ވެސް އެއަށްވުރެ ބާރުގަދަ އެއްޗެއް މާތް ﷲ ދެއްވާފައިވާ ކަމަށާއި އެއީ ސިނކުޑިތައް ކަމަށެވެ. އެ ސިކުނޑިތަކުން ވިސްނުން ގައުމާ އެއްކޮޅަށް ބޭނުން ކުރަން އަޒުމު ކަނޑައަޅައި، ރެއާ ދުވާލު ހިތުގެ އަޑިން ގައުމުދެކެ ލޯބިވެ، ގައުމާ އެއްކޮޅަށް ކަންކަން ކުރަން އަޅުމު ކަނޑައަޅާހާ ހިނދަކު ގައުމުދެކެ ކަންބޮޑުވަން ނުކެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދެންނެވި ގޮތަށް އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރާނަމަ، އަމިއްލަ މަސްލަހަތަށްވުރެ، އަމިއްލަ ބޭނުންތަކަށްވުރެ އިސްކުރަންވީ ގައުމު. ތިމަންނައަށް ގައުމުގެ ފަރާތުން ކަމެއް އަދި ނުކޮށްދެވި އޮތްކަމަށް ގަބޫލު ކުރިޔަސް އެކަމަކާ ކަންބޮޑުނުވެ ގައުމަށް އަބަދާއަބަދު ކޮންމެވެސް ކަމެއް، އެ ކުރިމަތިވާ ކަމެއްގަ ގައުމު އިސްކުރުމުގެ އަޒުމް އެއީ ގައުމާ އެއްކޮޅަށް ވިސްނުން ބެހެއްޓުމަކީ،" ރައީސް ވިދާޅުވި އެވެ.