ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް އަރުވަނީ ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ ހެނދުނު 9 ޖަހާއިރު އެވެ.
މިގޮތަށް ރައީސް ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސް ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެ ދުވަހުގެ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު، ޤައުމާ މުޚާޠަބު ކުރައްވާނެ އެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެ އެވެ.