ބަޖެޓުގެ އަންދާޒާތައް ދައްކާ ގޮތުން ކަރަންޓު އުފައްދަން ކުރާ ހަރަދު ކުޑަނުކޮށްފިނަމަ ފަސް އަހަރުފަހުން ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ 3.5 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

މިދިޔަ އަހަރާ ހަމައަށް އެކަނި ބެލިނަމަވެސް ރާއްޖޭގައި ކަރަންޓް ފޯރުކޮށްދޭން ދައުލަތުގެ ބަޖެޓުން ގޭބިސީއަކަށް އަަހަަރަކު 24،000ރ. ހަރަދު ކުރަމުން ގެންދާ ކަމަށް ދައްކައިފި އެވެ.
ދައުލަތުގެ ބަޖެޓުން ކުރާ އެންމެ ބޮޑު ހަރަދުގެ ތަފުސީލް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އޮތްއިރު އެ ބަޖެޓުގައިވާ ގޮތުން ކަރަންޓު އުފައްދަން ސްޓެލްކޯ އާއި ފެނަކައަށް ސަރުކާރުން ތެޔޮ ފޯރުކޮށްދެނީ މާކެޓު އަގަށްވުރެ އެތައް ގުނައެއް ހެޔޮކޮށެވެ. މިގޮތުން އެކި ދުވަސްވަރު ސަރުކާރުން ކަރަންޓުގެ އަގަށް ގެންނަން ބަދަލުގެ ސަބަބުން ކަރަންޓު އުފައްދާ ކުންފުންޏަަށް ލޮސްގެ ގޮތުގައި ވެސް ސަބްސިޑީ ދަނީ ދެމުންނެވެ.
މި ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރަށް އެކަނި ބަލާނަމަ އެ އަގަރު 1.5 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީގެ ގޮތުގައި ހަރަދުކޮށްފައިވެ އެވެ. އަދި 724 މިލިއަން ރުފިޔާ ރެވެނިއު ލޮސްގެ ގޮތުގައި ހަރަދުކޮށްފައިވާއިރު، ޖުމުލަ 2.3 ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ. - މިއީ ރާއްޖޭގެ ގޭބިސީއަކަަށް އަހަރެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 24،000ރ. ގެ ހަރަދެކެވެ.
ދައުލަތުގެ ކަރަންޓުގެ ސިޔާސަތު މިހާރު އޮތީ ކަރަންޓް ބޭނުންވާވަރު އިތުރުވާ ވަރަކަށް ސަބްސިޑީ އިތުރު ކުރަމުން ދިއުމުގެ ސިޔާސަތެއްކަމުން މިކަމުގެ ސަބަބުން ކުރިމަގުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ މައްޗަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި އަލިއަޅުއްވާފައިވެ އެވެ. މިގޮތުން ކަރަންޓު އުފައްދާ އަގު ދަށްނުކޮށް ސަބްސިޑީގެ ސިޔާސަތު މިހާރުގެ ގޮތަށް ކުރިއަށްދާނަމަ ފަސް އަހަރުފަހުން ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ 3.5 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ބަޖެޓުގައިވާ ގޮތުން މާލެ ސަރަހައްދާއި މީހުން ދިރިއުޅޭ ރަށްރަށުގައި އަހަރެއްގެ މައްޗަށް 1.2 މިލިއަން ވޮޓްގެ ކަރަންޓު ދަނީ ބޭނުން ކުރަމުންނެވެ. އަދި މި މިންވަރު ކުރިއަށް އޮތް ދެ އަހަރުތެރޭ ދެ ގުނަ އިތުރު ވެގެންދާނެ އެވެ. އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފައްދަން މަދުވެގެން 600 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ގާއިމް ކުރަން ޖެހެ އެވެ. މިގޮތުން ސަރުކާރުން ވަނީ ދެ ގޮތަކަށް ދައުލަތުން ކަރަންޓް ފޯރުކޮށް ދިނުމަށްކުރާ ހޭދަ ދަށްކުރަން ރާވާފަ އެވެ. އެއްގޮތަކީ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރު ކުުރުމެވެ. އަނެއް ގޮތަކީ ކަރަންޓް އުފައްދަން ޑީސަލްގެ ބަދަލުގައި ލިއުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބޭނުން ކުރަން ފެށުމެވެ. މިގޮތުން އިޔާދަކުރަނިވި ހަކަަތައިގެ 100 މެގަވޮޓް ކަރަންޓު އުފައްދާ މަޝްރޫއުއެއް ހިންގަން އެސްއީޒެޑް މަޝްރޫއުއެއް ފަށަން ހޮލެޑް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ސިންގަޕޫރަށް ނިސްބަތްވާ ޗީ އެނާޖީ ޕްރައިވެޓް ލިމިޓެޑް ކުންފުނިން ވަނީ އެލްއެންޖީއިން ކަރަންޓު ދިނުމުގެ މަޝްރޫއެއް ފަށަން ޕްރޮޕޯސަލްއެއް ހުށަހަޅާފަ އެވެ.