'ޖެނެރޭޝަނަލް ބޭން' ފާހަގަ ކުރަން 24 ގަޑިއިރުގެ ދުވުމެއް

"ނެޝަނަލް ޓޯޗް ރަން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން މާދަމާ ހަވީރު 4:00 އަށް، މާފަންނު އެކުވެނި ޓްރެކުގަ އެވެ.

ޖެނެރޭޝަނަލް ބޭން ފާހަގަކުރުމަށް ފެށި 24 ގަޑިއިރުގެ ދުވުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް މާދަމާއިން ފެށިގެން ތައާރަފް ކުރާ "ޖެނެރޭޝަން ބޭން" ފާހަގަކުރުމަށް 24 ދުވުން މިއަދު ފަށައިފި އެވެ.

"ނެޝަނަލް ޓޯޗް ރަން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން މާދަމާ ހަވީރު 4:00 އަށް، މާފަންނު އެކުވެނި ޓްރެކުގަ އެވެ. 

މި އިވެންޓް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި ދިމާވާ ސިއްހީ ގިނަ މައްސަލަތައް ގުޅިފައިވަނީ ބޮޑެތި ބަލިތަކަށް ހުށަހެޅޭ ނުރަގަޅު އާދަތަކާ ކަމަށެވެ. އަދި މިފަދަ އާދަތަކުން މުޖުތަމައުއާއި ޅަދަރިން ރައްކާތެރިކޮށް، ދުޅަހެޔޮ ކަމަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރުމަކީ ހުރިހާ ރައްޔިތުން ވެސް އެންމެ ބޮޑު އިސްކަން ދޭން ޖެހޭ ކަންތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ގައުމަށްވާއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމު ކަމަށެވެ.

މާދަމާ އަމަލު ކުރަން ފަށާ ގާނޫނަކީ 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެ ގާނޫނެކެވެ.

ޖެނެރޭޝަނަލް ބޭން ފާހަގަކުރުމަށް ފެށި 24 ގަޑިއިރުގެ ދުވުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

އަދި ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވެސް ވާނެ އެވެ.

އަދި ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެ އެވެ.

މި ގާނޫނާ ހިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެ އެވެ.

ޖެނެރޭޝަނަލް ބޭނުން ފާހަގަކުުރުމަށް މިއަދު ފެށި ހަރަކާތުގައި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.