މި ހަރަކާތުގައި ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބައިކް މޯލްޑިވްސްއާ ގުޅިގެންނެވެ.

އެލައިޑަށް 40 އަހަރު ފުރުމާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ. މިގޮތުން އެއް ހަރަކާތަކީ ހުޅުމާލޭގައި ބޭއްވި ބައިސްކަލް ރޭހެވެ. މި ރޭސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރު އަޅައި އެ ތީމް ޕްރޮމޯޓް ކުރުމެވެ.
ބައިކް މޯލްޑިވްސްއާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު މިމަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ވަނީ ފޯރިއާއެކު ނިންމާލާފަ އެވެ. 
މި ހަރަކާތް ފެށިގެން ދިޔައީ އެ ދުވަހުގެ ހެނދުނު ރިވައިފް ފިޓްނަސް އިން ކުރިއަށް ގެންދިޔަ ވޯމްއަޕް ސެޝަން އަކުންނެވެ. ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިިވި މި ބައިސްކަލް ރޭހުގައި އޭޖް ކެޓަގަރީތަކެއް ކަނޑައަޅައި ފައިސާގެ އިނާމުތަކެއްވެސް ދީފައިވެ އެވެ. މި އިނާމުތައް ދީފައިވަނީ ބައިވެރިންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.
ރޭސް ނިންމުމުން މެޑަލްއެއް ލިބިގެން ދިޔަ މި ބައިސްކަލް ރޭހުގައި ކުޅިވަރާއި ދުޅަހެޔޮ ސިއްހަތާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފަޒްލާ ރަޝީދު ބައިވެރިވަޑައިގަތެވެ. އަދި ބައިކް މޯލްޑިވްސްގެ ރައީސް ފާތުމަތު ނާއިލާ އާއި ސީއީއޯ ސުލެއިހާ ހަސަން ދީދީ އަދި ފައުންޑަރު ހަސަން ދީދީވެސް ބައިވެރިވަޑައިގަތެވެ. އަދި އެލައިޑުގެ ފަރާތުން އެލައިޑުގެ ޗީފް އަންޑަ ރައިޓިން އޮފިސަރު އިއުލިއާނާ ރުސެއިގެ އިތުރުން ޖީއެމް ނަސްރަތު މުހައްމަދު ވެސް ބައިވެރިވަޑައިގަތެވެ. މި ބައިކް ރޭހުގައި ފުލުހުންނާއި ރެޑްކްރެސެންޓުގެ އެހީތެރިކަން ލިބިފައިވެ އެވެ.