2026 | އާމްދަނީ އިތުރުކުރާނެ އާ ކަންތައްތަކެއް ނެތް ބަޖެޓެއް

"ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓްތަކަށް ބަދަލުގެނެސްފައިވާއިރު، އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވާނެ،"

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފާއިތުވި އަހަރުތަކާ ހިލާފަށް އަންނަ އަހަރު، އާމްދަނީ އިތުރުކުރުމަށްޓަކައި އާ ކަންތައްތަކެއް ނުވަތަ ނިއު ރެވެނިއު މެޝާޒް ހިމަނާފައިނުވާނެކަމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޮތް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާގައި  ޒަމީރު ވަނީ އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފަ އެވެ. މި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރު ދައުލަތުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. 

ޒަމީރު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ދިވެހި ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ހުންނާނެކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.

މިނިސްޓަރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެ ކަމަށެވެ.

"ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓްތަކަށް ބަދަލުގެނެސްފައިވާއިރު، އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެއީ، ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަ ނުދީ އާރޯކަން ގެނައުމަށެވެ.

ނަމަވެސް ޓެކުހުގެ ގާނޫނުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައިދިނުމާއެކު، މިހާރު އެފަރާތްތަކަށް ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ހޯދައިދެވުމުން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން، 2026 ވަނަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ބެލެވޭއިރު، މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަންނަ ބަޖެޓުގެ ނަމްބަރު ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ މި އަހަރު ރާއްޖޭގެ ބޮޑު ދަރަންޏެއް ދައްކަން ޖެހުމާއެކު ޕޭހާމައިޒޭޝަން ނުވަތަ ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމުމެވެ. މީގެ ކުރިން ވަނީ ފުލުހުންނާއި ސިފައިން އަދި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި 30،000 އަށްވުރެ ގިނަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ވެގެންދާނެ އެވެ.

އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.