މި އަހަރު ބަޖެޓުގެ ނަމްބަރު ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ މި އަހަރު ރާއްޖޭގެ ބޮޑު ދަރަންޏެއް ދައްކަން ޖެހުމާއެކު ޕޭހާމައިޒޭޝަން ނުވަތަ ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމުމެވެ.

އަންނަ އަހަރު ރެކޯޑް އަދަދެއްގެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭއިރު، އަންނަ އަހަރަށް ދައުލަތުން 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅައިފި އެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު އޮތް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފަ އެވެ. މި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރު ދައުލަތުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
ބަޖެޓު ބޮޑުވަނީ ކީއްވެ ؟ - އަންނަ ބަޖެޓުގެ ނަމްބަރު ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ މި އަހަރު ރާއްޖޭގެ ބޮޑު ދަރަންޏެއް ދައްކަން ޖެހުމާއެކު ޕޭހާމައިޒޭޝަން ނުވަތަ ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމުމެވެ. މީގެ ކުރިން ވަނީ ފުލުހުންނާއި ސިފައިން އަދި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި 30،000 އަށްވުރެ ގިނަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ވެގެންދާނެ އެވެ.
އަންނަ އަހަރުގެ ބޮޑު ހަރަދު - އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.
މި އަހަރުގެ ބަޖެޓް - މި އަހަރުގެ ބަޖެޓަށް ސަރުކާރުން ދާއިރު، ފިނޭންސުން ނެރުނު މިދިޔަ 40 ވަރަކަށް ހަފުތާގެ ފިސްކަލް ރިޕޯޓްތަކުން އެނގެނީ ބަޖެޓު މިވަގުތު އޮތީ ސާޕްލާސްގައި ކަމެވެ. ޖުމުލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން އޮތް އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން އޮތް މި ބަޖެޓުގެ ލަފާކުރާ ބަޖެޓު ޑެފިސިޓް ކުރިން ހުރީ 9.4 ބިލިއަން ރުފިޔާ، ނުވަތަ ޖީޑީޕީގެ 7.8 ޕަސެންޓްގަ އެވެ. ނަމަވެސް މިހާޜު އޮވަރޯލް ބަޖެޓު ސާޕްލަސް 1.57 ބިލިއަންގައި ހުރި ކަމަށް ދައްކަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑް ކުރެވުނު 2.12 ބިލިއަންގެ ޑެފިސިޓަކާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ބެލެންސް ސާޕްލަސް ހުރީ 3.23 ބިލިއަން ރުފިޔާގަ އެވެ.