ކަމާގުޅުން ހުރި އިދާރާއަށް ޑައުންޕޭމެންޓްގެ ފައިސާ ޖަމާކޮށްދިނުމަށްފަހު، އެމީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބި، ޑައުން ޕޭމަންޓް ނުދެއްކި ތިބި، މީހުންނަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައިދިނުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ޒަކާތު ހައުސްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ޒަކާތު ކައުންސިލަށް ހުށަހަޅައި، މަޝްވަރާކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން،
ކަމާގުޅުން ހުރި އިދާރާއަށް ޑައުންޕޭމެންޓްގެ ފައިސާ ޖަމާކޮށްދިނުމަށްފަހު، އެމީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓްރީން ބުނީ ރައީސް ޑރ މުހައްމަދު މުއުއްޒު، ޒަކާތު ހައުސް އުފައްދަވައި، ފަގީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސްއޫލިއްޔަތާއެކު، ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަކީ ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަގުސަދެއް ކަމަށް ވެސް ބުންޏެވެ.
އެގޮތުން، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތައާރަފު ކުރުމަށް ޒަކާތު ހައުސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ކާޑު ތައާރަފު ވުމުން، ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރޯދަމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ މީހުންނަށް ލިބިގެންދާނެ އެވެ.