އަންނަ އަހަރު އެންމެ ބޮޑު ހަރަދެއް ކުރާނެ ކަމަށް ބެލެވެނީ ޕޭހާމައިޒޭޝަން އަށެވެ. މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަހަގު ކުޑަ ކުރަން ބަޖެޓު ކުރާނެ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބޮޑު ދަރަނި އަދާ ކުރާނެ އެވެ.

ޖެހިގެން އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ފޮނުވުމަކީ ހާއްސަ ކަމެކެވެ. އެ ދުވަހަކީ ހާއްސަ ދުވަހެވެ. އެ ދުވަހަކީ މިއަދެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ 2026 ގެ ބަޖެޓުގެ ސެހެރީ މިއަދު 2 ޖަހާއިރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހަޅުއްވާނެ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ އަންނަ އަހަރު ލިބޭނެ އާމްދަނީއަކީ ކޮބައި ހެއްޔެވެ؟ އަންނަ އަހަރު ބޮޑު ދަރަނި ދައްކާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގެ ބައެއް ސުރުހީތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ދޮޅު އަހަރުތެރޭ ރަށްރަށް ކުރެވި ދަތުރުފުޅުގައި ވިދާޅުވެ ދެއްވާފައިވެ އެވެ. އެގޮތުން އަންނަ 2026 ވަނަ އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދެއްވާނީ ކައުންސިލްތައް މެދުވެރިކޮށް، އޯގާތެރިކަމާއެކު ރައްޔިތުންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސިއްހީ ދާއިރާއަށް އިސްކަން ދޭނެކަން ވެސް އެނގިފައިވެ އެވެ. އަންނަ އަހަރުގެ ބަޖެޓު ވާނީ "ސިއްހީ ދާއިރާ" ގެ ބަޖެޓެއްގެ ގޮތުގައިކަން ވެސް ރައީސްގެ ވާހަކަފުޅުތަކުން ހާމަވެ އެވެ. 
އެހެންވެ، ޕޮލިޓިކަލް މި ސްޓޭޓްމަންޓްތަކުން ހާމަވަނީ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއް ދެއްވާފައި އޮންނާނީ ސިއްހީ ދާއިރާ އަށެވެ. މީގެ ތެރޭގައި ބަލިތަކުން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ކެއާ އަދި ރާއްޖެއިން ބޭރުން ހޯދަންޖެހޭ ފަރުވާ އަށް ލުއިދިނުމަށް މަޝްރޫއުތައް ހިމެނެ އެވެ. 
ރައީސްގެ ޕޮލިޓިކަލް މި ސްޓޭޓްމަންޓު ތަކާއެކު އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ހާއްސަ ވާހަކައަކަށްވާނި 2026 ވަނަ އަހަރުގެ އެޕްރީލް މަހު ރާއްޖެއިން ދައްކަން ޖެހޭ ބޮޑު ދަރަނި ދެއްކުމުގެ ވާހަކަ އެވެ. އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.

ބޮޑު މި ދަރަނި ދައްކަން އެެއްވެސް ހާސްކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި އަހަރުގެ ބަޖެޓަށް ސަރުކާރުން ދާއިރު، ފިނޭންސުން ނެރުނު މިދިޔަ 40 ވަރަކަށް ހަފުތާގެ ފިސްކަލް ރިޕޯޓްތަކުން އެނގެނީ ބަޖެޓު މިވަގުތު އޮތީ ސާޕްލާސްގައި ކަމެވެ. ޖުމުލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން އޮތް އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން އޮތް މި ބަޖެޓުގެ ލަފާކުރާ ބަޖެޓު ޑެފިސިޓް ކުރިން ހުރީ 9.4 ބިލިއަން ރުފިޔާ، ނުވަތަ ޖީޑީޕީގެ 7.8 ޕަސެންޓްގަ އެވެ. ނަމަވެސް މިހާޜު އޮވަރޯލް ބަޖެޓު ސާޕްލަސް 1.57 ބިލިއަންގައި ހުރި ކަމަށް ދައްކަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑް ކުރެވުނު 2.12 ބިލިއަންގެ ޑެފިސިޓަކާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ބެލެންސް ސާޕްލަސް ހުރީ 3.23 ބިލިއަން ރުފިޔާގަ އެވެ.

މި ސާޕްލަސްގެ ސަބަބުން މި އަހަރު ވެގެން މިދަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅާ ކުރިއަށްދާ އަހަރެއްގެ ގޮތުގަ އެވެ. އަދި އަންނަ އަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށް ނުބެލެވެ އެވެ. ސަބަބަކީ ސަރުކާރުން ޕީއެސްއައިޕީ ހިންގުމުގައި ގެނެސްފައިވާ ބަދަލެވެ. މިސާލަކަށް ކުރިން ފުޓުބޯޅަ ދަނޑެއް އަޅަން ހަ މިލިއަން ރުފިޔާ އެންމެ ބޮޑުކޮށް ހަރަދުކޮށްފަ އެބަހުއްޓެވެ. ނަމަވެސް ސަރުކާރު ކުންފުންޏަށް ދިނުމުން މި އަދަދު 2 މިލިއަން ރުފިޔާ ވަރަށް ކުޑަ ވެގެން ގޮސްފައިވެ އެވެ. މިއީ މި އަހަރު ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން ނުޖެހުނު ސަބަބެވެ. ހަރަދުތައް މެނޭޖު ކުރުމުގެ ނަތީޖާއަކީ އެކަން ކުރަން ނުޖެހުމެވެ.
މިހުރިހާ ވާހަކައަކާއެކު މިއަދު 2 ޖަހާއިރު ފިނޭންސް މިނިސްޓަރު ބަޖެޓު ބަޔާން މަޖިލީހަށް ހުށަހަޅާނެ އެވެ.