މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު މިއަދު އިފްތިތާހުކޮށްފި އެވެ. މި ކެމްޕޭނަކީ ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވުމުގެ މަގުސަދުގައި އުފެއްދި ދިވެހީންގެ ބޭންކުން ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ކެމްޕޭނެކެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފު ވަނީ 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ މަގުސަދަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ބޭންކް އުފެއްދީ ހަމަ އެކަނި ކޮމާޝަލް ބޭންކެއްގެ ދައުރު އަދާކުރުމަށް ނޫންކަމަށާއި އޭގެ އިތުރުން ގައުމީ ތަރައްގީގައި އެހީތެރިވެވޭނެ ގޮތްތައް ހޯދައި، އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ބޭންކު އުފެއްދި މުހިންމު މަގްސަދެއްކަން ފާހަގަކުރެއްވި އެވެ.
މި ކެމްޕޭނާއެކު މި މަގުސަދު ހާސިލުކުރުމަށް އިތުރު މަސައްކަތްކުރުމާއި، ބޭންކް އޮފް މޯލްޑިވްސް އަކީ ހަމައެކަނި މާލީ އިދާރާއެއްގެ ބަދަލުގައި ގައުމުގެ ތަރައްގީގެ ދަތުރުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. މިގޮތުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން ޝަރީފް ވަނީ ދިވެހީންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލް އިން ހޯދާފައިވާ ހާއްސަ މަގާމް ފާހަގަކުރައްވާފަ އެވެ.
"ބޭންކް އޮފް މޯލްޑިވްސް ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށް، ގައުމުގެ މާލީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދީ ޒަމާނީ އަދި އީޖާދީ ބޭންކިން ހައްލުތައް ތައާރަފްކޮށްފައި. މި ބޭންކު ފާހަގަކުރެވެނީ މާލީ ދާއިރާގައި ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދޭ އިދާރާގެ ގޮތުގައި އެކަންޏެއް ނޫން. މިއީ ގައުމީ ފެންވަރުގައި ހުނަރުވެރިން ބިނާކުރުމާއި، ކުރިއެރުވުމަށް އެހީތެރިވާ ބޭންކެއްވެސްމެ،" އޭނާ ވިދާޅުވި އެވެ.