އެޗްއާރުސީއެމަށް މެމްބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.

ހިއުމަން ރައިޓަސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުކަމަށް، ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް، އެގްރިކަލްޗަރަލް މިނިސްޓަރުކަމަށް މި ސަރުކާރުގައި އައްޔަން ކުރެއްވި ފުރަތަމަ ވަޒީރު ޑރ. ރަމީލާ އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހަށް ނަން ފޮނުއްވީ މި މަހުގެ 2 ވަނަ ދުވަހު އެވެ.
ޑރ. ރަމީލާއަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ރުހުން ދިނުމާ ގުޅިގެން، ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރުސީއެމަށް މެމްބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.
ޑރ. ރަމީލާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެޗްއާރުސީއެމްގައި ފަސް މެމްބަރުންގެ ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ މުނާގެ އިތުރުން ނައިބު ރައީސް މުހައްމަދު ޝަފީގް މަހްމޫދާއި ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބް އާއި އަހުމަދު މަގްސޫމެވެ.