މި ޑިޖިޓަލް ވޮލެޓުގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ދޭން ފަށާނެ އެވެ. ކަސްޓަމަރުންނަށް ސްވައިޕްއިން ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އިތުރު ޗާޖެއް ނެތި ފައިސާ ގެނެސް ހެދޭނެ އެވެ.

ދިވެހި ޑިވްލޮޕަރުންގެ މަސައްކަތުން ބީއެމްއެލް އިން 'ސްވައިޕް' ގެ ނަމުގައި މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް ތައާރަފު ކުރަން ނިންމައިފި އެވެ.
ބީއެމްއެލް އިން މުޅިރާއްޖެ އަށް އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށް ނިންމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި ވޮލެޓުގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ދޭން ފަށާނެ ކަމަށާ މިއީ 100 ޕަސެންޓް ދިވެހި ހުނަރުވެރިންގެ އުފެއްދުމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ހުރިހާ ޕްލެޓްފޯމްތަކެއްގައި ބޭނުން ކުރެވޭނެ ޒުވާނުނަށް ޑިޖިޓަލް ފައިނޭންސް މުއާމަލާތްތައް ފުރިހަމަ ކުރެވޭނެ ވޮލެޓަކަށްވާނެ ކަމަށެވެ. 
ސްވައިޕް - މި ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްވެސްމެއެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
 
ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. 
ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެ އެވެ. 
ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެ އެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ލޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ އެވެ.
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެ އެވެ. ސްވައިޕަކީ ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެ އެވެ.